އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި އެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 އަށް އޮންނާނެ އެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެ ނޫން ވެސް ފުރިހަމަކުރަންޖެހޭ ލިއެކިއުންތައް ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި އެ މީހަކީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތުގެ ކުށެއް މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުރިކަން ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާންޖެހެ އެވެ. ފަސް މެމްބަރުން ތިއްބަވާ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ މިހާރު ތިއްބެވި ތިން މެމްބަރެއްގެ ދައުރު ހަމަވާތީ އެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އާއި ނައިބު ރައީސް އަހުމަދު ތޮލާލް އަދި މެމްބަރު ޖީހާން މަހުމޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ