ވެރިކަން ކުރަން ޖެހޭނީ ރައްޔިތުން އިންތިހާބު ކުރާ މީހެއް، އަސްކަރިއްޔާއިން ހޮވާ މީހެއް ނޫން: ރައީސް ނަޝީދު

ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ ދިވެހި ރައްޔިތުން އިންތިހާބު ކުރާ މީހެއް ކަމަށާއި، ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ އަސްކަރިއްޔާގެ ބާރާއެކު އައިސް ހުންނަ މީހެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމެރިކާއަށާއި ބޮސްޓަންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ފާއިތުވީ ތިން އަހަރު ދުވަސް ތެރޭގައި ވަރަށް ގިނަ ކަންތައްތައް ރައްޔިތުންނަށް ކޮށްދީފައިވާ ކަމަށާއި ރައްޔިތުން އަދި ވެސް އެވެރިކަން ބޭނުންވާ ކަމަށެވެ.
އަދި ހާއްސަކޮށް އަވަސް އިންތިހާބެއް ބޭނުންވަނީ ކޮންމެހެން ވެރިކަމަށް ވަޑައިގެންނެވުމުގެ ބޭނުންފުޅުގައި ނޫން ކަމަށާއި، ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުން އިންތިހާބު ކުރާ ވެރިކަމަކަށް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
"މައްސަލައަކީ ރައްޔިތުންގެ ވެރިކަމެއް ނެތުން، ގަދަބާރުން ގެންނަ ވެރިއެއް ނޫން ބޭނުމީ" ރައީސް ނަޝިދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ މިއަހަރުގެ ތެރޭގައި އިންތިހާބު ނުބޭއްވިއްޖެނަމަ އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"އެމީހުންނަށް ވަގުތުދީފި ނަމަ، އިންތިހާބެއް ބޭއްވުމަށް އުނދަގޫވާނެ، އިންތިހާބަކަށް ޖާގަ ނުދޭ ގޮތަށް މާހައުލު އަނބުރާލަފާނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަދި ދާދި ފަހުން ރިއޯ ސަމިޓުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަކީ މެރިން ރިޒާވަކަށް ހައްދަވާނެ ކަމަށް ރައީސް ޑރ.ވަހީދު ވިދާޅުވެފައިވާތީ، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ މެރިން ރިޒާވެއް ކަމަށާއި މެރިން ރިޒާވަކަށް ހަދަން އިތުރަށް މަސައްކަތް ކުރަން ނުޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ