އުސްފަސްގަނޑު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި
އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ. އުސްފަސްގަނޑުގެ މިލްކުވެރިކަމާ މެދު ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ހިޔާލު ތަފާތުވެފައިވަނިކޮށް އެތަން ހަތް ދުވަސް ތެރޭގައި ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމްކުރުމާއެކު ކައުންސިލުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ ސަރުކާރާއި ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމާއި ސިޓީ ކައުންސިލުން ހިލާފުވެފައިވާ ކަމަށް ދައުލަތުން ބުނާ އިރު ހިލާފްވެފައިވަނީ ކޮން ކަމަކާ ކަން ދައުލަތުން ދަށު ކޯޓުގައި ބުނެދީފައިނުވާ ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ވަރަށް ދިފާއުވުމުގެ ފުރުސަތު ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ހައި ކޯޓުގައި އެދިފައިވަނީ އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ. ނަމަވެސް ދައުލަތުން އެކަމަށް އިންކާރުކުރެ އެވެ. ދައުލަތުން ބުނެފައިވަނީ އުސްފަސްގަނޑަކީ އާންމުން ބޭނުންކުރަން އޮންނަ ތަނަކަށްވާ އިރު ކައުންސިލުން އެތަން ސިޔާސީ ޕާޓީއަކަށް ދީފައިވާ ކަމަށެވެ. އަދި ކައުންސިލުން އެއްބަސްވުމާ ހިލާފްނުވާކަން ސާބިތުކޮށްދިނުމަކީ ކައުންސިލްގެ ކަމެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ. ހައި ކޯޓުން ވަނީ އެ މައްސަލައިގައި އަޑުއެހުންތައް މިއަދު ނިންމާލައިފަ އެވެ. އެހެންކަމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ. ރިއާސަތުގައި އިންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ އެވެ. އެ މައްސަލަ ހައި ކޯޓުން ނިމެންދެން އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވަން ހައި ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އަދި މައްސަލަ ނިމުމުގެ ކުރިން އެތަން އެއްވެސް ބަޔަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ވެސް އެ އަމުރުގައި އަންގާފައިވެ އެވެ. އެއާއެކު ފުލުހުން ވަނީ އުސްފަސްގަނޑު ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ