ލިސްޓްގައި ސޮއިކުރެއްވި ނަމަވެސް ގައިޑްލައިނަށް އަމަލު ކުރަންޖެހޭނެ: ގާސިމް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ވޯޓާސް ލިސްޓްގައި ސޮއިކުރެއްވީ ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިނާ ހިލާފަށް އަމަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނޫން ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި މިއަދު ޖުމްހޫރީ ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރެއްވި ނަމަވެސް އެ ލިސްޓުގައި މައްސަލައެއް ހުރި ނަމަ އިލެކްޝަންސް ކޮމިޝަނަށް، އެކޮމިޝަނުގެ ގާނޫނީ ޒިންމާއިން ރެކި ނުގަނެވޭނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ގުޅުމުގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރީ އިންތިހާބަށް ހުރަސް އަޅަން ބޭނުން ނުވާތީ ކަމަށާއި، މީގެ ކުރިން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރި ދެ ފަހަރު ވެސް ވޯޓާސް ލިސްޓްގައި ސޮއި ނުކުރެއްވީ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވުމުން ކަމަށެވެ. އަދި މިފަހަރު ވެސް ލިސްޓުގައި ސޮއިކުރަން ނިންމެވީ ލިސްޓުގައި ހުރި މައްސަލަތަކަށް ބައްލަވާފައި ނޫން ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ފަރާތުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގުން މަހުރޫމުކުރުމުގެ ގޮތުން އިންތިހާބަށް ހުރަސް އެޅުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށާއި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވެސް އިންތިހާބަށް ހުރަސް އެޅުމަށް ނޫން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބާތިލްކުރި އިންތިހާބު ބޭރުގެ ފަރާތުންތަކުން ބަލައިގެންފައިވަނީ ހަމައެކަނި އިންތިހާބުގެ ކަންކަން ހިނގާދިޔަ ގޮތަށް ބެލުމަށް ފަހުގައި ކަމަށާއި، އެކަމަކު ލިސްޓުތަކުގައި ހުރި މައްސަލަތަކާއި އޮޅުން ބޮޅުންތައް އެ ފަރާތްތަކަށް އެނގިގެން ނޫން ކަމަށެވެ.
މި ބައްދަލުވުމުގައި ގާސިމް އިބްރާހިމް ވަނީ ހޮނިހިރު ދުވަހު ވީ އެންމެ ހެނދުނަކާއި ރައްޔިތުން ނިކުމެ ވޯޓުލުމަށް އެދިވަޑައިގެންފަ އެވެ. އަދި އިންތިޚާބުގައި މިހާރު ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ޓްރެކް ރިކޯޑެއް އޮންނަ ފަރާތަކަށް ވޯޓު ދެއްވުމަށްވެސް ގާސިމް އިބްރާހިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ދެވަނަ ބުރަކަށް ނުގޮސް އެއް ބުރުން އިންތިހާބު ކޮންމެހެން ނިންމަން ޖެހޭ ކަމަށާއި، އިތުރަށް އަންނާނެ އުނދަގުލެއް ނެތި ރައްޔިތުންނަށް ހަމަހިމޭން ޖައްވެއްގައި ސުލްހަވެރިކަމާއި އެކު އިންތިހާބު ނިމިގެން ދިއުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ