އިންޑިއާ އަށް ރަހުމަތްތެރިކަމުގެ އަތެއް ދިއްކުރަން ޖެހޭ: މައުމޫން

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ގައުމަށް "ރަހުމަތްތެރިކަމުގެ އަތެއް" ރާއްޖެ އިން ދިއްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީން މި މަހު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ބެހޭ ގޮތުން "ހަވީރާ" ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ "އަޅުގަނޑު [ވެރިކަމުގައި] ހުރި އިރަށް ވުރެ ވެސް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުން" ކަމަށެވެ. "މިކަމަށް އެބަ ޖެހޭ ދިވެހި ރައްޔިތުން ވެސް އިސްނަގައިގެން މަސައްކަތްތަކެއް ކުރައްވަން. އެހެންވީމާ އިންޑިއާ އަށް ރަހުމަތްތެރިކަމުގެ އަތެއް ދިވެހިން ދިއްކޮށްލަން އެބަ ޖޭހެ. އަޅުގަނޑު ވަރަށް އުފާވޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިސްނަންގަވައިގެން ދެ ގައުމުގެ ގުޅުން ބަދަހި ކުރައްވަން މަސައްކަތްޕުޅު ކުރައްވާތީ،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ވަރަށް ކާމިޔާބު ވާނެ ކަމަށާއި ދިވެހިން ބޭނުންވާ ކަންތައްތަކަށް "ރަނގަޅު ގޮތްތަކެއް" ހަމަޖެހޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. "މިސާލަކަށް ދިވެހިންނަށް ބޭނުންވާ ވިސާގެ މައްސަލާގައި ވެސް ވަރަށް ރަނގަޅު ގޮތްތަކެއް އިންޑިއާ އިން ހަމަޖައްސަވައި ދެއްވާނެހެން ހީވަނީ. މިކަމާ ގުޅޭ ގޮތުން އަޅުގަނޑު ވެސް ވާނީ އިންޑިއާ ސަފީރާ ވެސް އަދި އެ ގައުމުން އަޅުގަނޑާ ބައްދަލުވާ ބޭފުޅުންނާ ވެސް ވާހަކަ ދައްކާފައި. އެހެންވީމާ މިކަމުގައި ވަރަށް ރަނގަޅު ގޮތްތަކެއް ވާނެހެން ހީވަނީ. މީގެ އިތުރުން ވެސް ހިލަ އާއި ހިލަވެލި ގެނައުމުގައި ދިމާވެފައިވާ ދަތިތަކަށް ވެސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ،" މެލޭޝިއާގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެކެވެ. އަދި މައުމޫންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާ އެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެއީ މި ސަރަހައްދުގައި އެންމެ ވަސީލަތްތައް ގިނަ އެއް ގައުމު ކަމަށް ވާތީ ރާއްޖެ އަށް ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އިންޑިއާ އިން އެހީތެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ރަނގަޅު ނިޒާމެއް ގާއިމްކޮށްފައި. ދިވެހިން ތަފާތު ގިނަ ބޭނުންތަކަށް އިންޑިއާ އަށް ދިއުމުން އެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ހަމަޖެހިފައި އޮންނަނީ. އަދި ރާއްޖެ އަށް އަންނަ އިންޑިއާގެ މީހުންނާ މެދު ވެސް ވަރަށް ރަނގަޅަށް އަމަލު ކުރަމުން އައީ. އަޅުގަނޑު އެދެނީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވުން،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި ނަމަވެސް އެކަންކަން ހަމަޔަކަށް އަޅުވައި ރަނގަޅު ކުރަން ޖެހެ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރުން ހިންގި ދުވަސްވަރު އެ އެގްރީމަންޓް މިދިޔަ ސަރުކާރުން އުވާލުމުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރި އެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ 17 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެ ގައުމުގެ ގުޅުން ގެންދަނީ ވަރަށް ބޮޑަށް ރަނގަޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ