ޕީޕީއެމް ޕްރައިމަރީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިހާބަކީ ބާތިލް އިންތިާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ޕްރައިމަރީގައި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރަށް ޕްރައިމަރީގައި ތާއީދުކުރެއްވި ރަހުމާ މޫސާ އެވެ. އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މާޗް 30 ގައި ޕީޕީއެމުން ބޭއްވި ޕްރައިމަރީ އިންތިހާބުގައި އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ވޯޓުލެވޭގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ ހައްގަށް އުނިކަން ލިބި ހައްގު ގެއްލިފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ހުށަހެޅި ދައުވާގައިވެ އެވެ. ނަމަވެސް ކޯޓުން މިއަދު އެ މައްސަލަ ނިންމި އިރު ކަނޑައަޅާފައި ވަނީ މައްސަލައިގައި ދައުވާކުރި ފަރާތުގެ ހައްގަކަށް އެކަމުން އުނިކަމެއް ނާންނާތީ އެ ފަރާތަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ޕްރައިމަރީ އަށް ފަހު އުމަރު ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމުގެ އިތުރުން ވޯޓު އޮޅުވާލާފައިވާ ވިދާޅުވުމާ ގުޅިގެން އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ