ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް އެމްޑީޕީން އަޑުއުފުލަން ފަށައިފި
"ބަޣާވާތް މަ ކުށްވެރި ކުރަން" ނަމުގައި އެމްޑީޕީން މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މުޒާހަރާގެ މައިގަނޑު ޑިމާންޑަކަށްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމެވެ. ރާޅުގަނޑު ސަރަހައްދުން މިއަދު ހަވީރު 4:00 ގައި ފެށި މުޒާހަރާގައި އެމްޑީޕީގެ ދިދަ ހިފައިގެން ތިބި އެ ޕާޓީގެ ބައިވަރު ސަޕޯޓަރުން އެއް އަޑަކުން ގޮވަމުން ދިޔައީ ރައީސް މުހައްމަދު ވަހީދާއި ކެބިނެޓް މެމްބަރުން އެކީއެކައްޗަކަށް އިސްތިއުފާ ދެއްވުމަށެވެ. އަދި ރިޔާސީ އިންތިހާބު މިނިވަން ކަމަށް ބެލެވޭނީ އޭރުން ކަމަށް ބުނެ މުޅި މުޒާހަރާގައި ދިޔައީ އަޑުއުފުލަމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށް އިންތިގާލީ ސަރުކާރެއް އޮންނަން ޖެހޭ ކަމަށެވެ. މިދިޔަ މަހު މާލޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އިންތިގާލީ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށާއި އެހެންނޫނީ އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. އެމްޑީޕީން މީގެ ކުރިން ވަނީ އަވަސް އިންތިހާބަކަށް ވެސް ގޮވާލާ އަޑުއުފުލައިފަ އެވެ. ނަމަވެސް ކޯނީގެ ރިޕޯޓާ އެކު އެ އަޑުތައް މަޑުވި އެވެ. މިއަދުގެ ހިނގާލުމުގައި އަމީނީމަގާއި ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގައި ވެސް ޝުއޫރުފާޅުކުރި އެވެ. އެމްޑީޕީގެ ވަރަށް ގިނަ ސަޕޯޓަރުން ހިނގާލުމުގައި ބައިވެރިވި އިރު އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކާއި ސިޓީ ކައުންސިލްގެ އެހެން ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިގާ މުޒާހަރާ ނިންމާލީ އަމީނީ މަގުން އުސްފަސްގަނޑު ސަރަހައްދަށެވެ. އެކަމަކު އެ ހިސާބުގައި ތިބި ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. އަދި އެ ސަރަހައްދުން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެމީހުން ހައްޔަރު ކުރީ އުސްފަސްގަނޑަށް ގަދަކަމުން ވަންނަން އުޅުމުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެމްޑީޕީން އެ ވާހަކަތައް ދޮގުކުރަމުން ބުނަނީ އެއީ ފުލުހުން "އާންމުކޮށް އަމަލުކުރާ ސަގާފަތުގެ ދަށުން" ހިންގާފައިވާ އަމަލެއް ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ކައުންސިލަރެއް ކަމަށްވާ މުހައްމަދު ފަލާހު އާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ