ކުރީގެ މެމްބަރު ނާޒިމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އައިޖީއެމްއެޗުގައި ރޭ އެޑްމިޓްކޮށްފި އެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ނާޒިމް ރޭ އައިޖީއެމްއެޗަށް ގެންދިޔައީ އުނަގަނޑުގައި ރިއްސާތީ ފަރުވާ ދިނުމަށެވެ. އޭނާ ހުކުމް ތަންފީޒުކުރައްވަނީ ހިންމަފުށީ އައްސޭރި ޖަލުގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ އައިޖީއެމްއެޗުގެ އޮބްޒަވޭޝަންގައި ނާޒިމަށް ފަރުވާ ދިނުމަށް ފަހު އިތުރު ޓެސްޓެއް ހަދަން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވުމުން ނާޒިމް އެޑްމިޓްކޮށްފައިވާ ކަމަށެވެ. "އުނގަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އެދިވަޑައިގަތީމަ އައިޖީއެމްއެޗަށް ގެނައީ،" އޮފިޝަލް ވިދާޅުވި އެވެ. ނާޒިމްގެ މައްޗަށް ހުކުމް އައީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބު ކުރުމުންނެވެ. ދިދަ ގަތުމަށް ލިބުނު 1،425،000 ރުފިޔާއަކީ ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ނާޒިމް މަކަރާއި ހީލަތުން ހޯދާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލާގެ ހުކުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ