10000 މެމްބަރުން ހަމަނުވެދާނެތީ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވޭ: ގައުމީ އިއްތިހާދު

ސިޔާސީ ޕާޓީތަކުގެ ބިލަށް މިހާރު އޮތް ގޮތަށް އަމަލު ކުރަން ފެށި ނަމަވެސް ގައުމީ އިއްތިހާދު ޕާޓީން އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށާއި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން 10000 ވުރެ ގިނަ މެމްބަރުން ހަމަ ކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މެލޭޝިއާގައި ހުންނަވައިގެން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ގައުމީ އިއްތިހާދުގެ ނައިބު ރައީސް މުހައްމަދު ޒަކީ( ދާތޯ ޒަކީ) ވިދާޅުވީ މިދަނޑިވަޅުގައި ކަންބޮޑު ވެގެން ތެޅި ފޮޅުމަކީ ނަތީޖާ ނެރެން އުނދަގޫ ވެދާނެ ކަމެއް ކަމަށެވެ.
"ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ނެތް ކަންބޮޑުވުމެއް. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެއަދަދަށް ވުރެ އިތުރަށް ވެސް މެމްބަރުން ހޯދިދާނެކަން. އެނަތީޖާ އަޅުގަނޑުމެންނަށް ނެރެވިދާނެ. އަޅުގަނޑުމެންނަށް އެނގޭ މިހާރު ސިޔާސީ ޕާޓީތަކުގައި އޮތީ ކިހާ މިންވަރެއްކަން. 68-40 އިންސައްތަ މީހުންނަކީ އެއްވެސް ޕާޓިއެއްގައި ނޫޅޭ ބައެއް. އަޅުގަނޑުމެން އަމާޒު ހިފާނީ އެފަރާތްތަކަށް." ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ ވޭތުވެ ދިޔަތަނުގައި އައްޑޫސިޓީއަށާއި ށ،ލ،ރ އަށް ކުރި ދަތުރުތަކުން އެއަދަދު ހަމަކުރެވިދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ޒަކީ ވިދާޅުވީ ޕާޓީތަކުގެ ބިލު މިހާރު އޮތް ގޮތުން ކަންބޮޑުވުމެއް ނެތް ނަމަވެސް ބިލު ބައްޓަންކޮށްފައިވާ ގޮތުން ޑިމޮކްރަސީއަށް ހުރަސް އެޅޭ ކަމަށެވެ.
"ބޮޑުޕާޓީތައް އެކަންޏެއް ނޫން، ކުދި ޕާޓީތައް ވެސް އޮތުން މުހިއްމު، ދެތިން މީހެއްގެ އަތުގައި ބާރު އޮތަތީ ކުދި ޕާޓީތައް ބޭނުން ނުވާ ކަމަށް ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ސިއްހަތު ރަނގަޅުވާނެ ކަމެއް ނޫން. އެހެން ގައުމުތަކުގައި ވެސް ކުދި ޕާޓީތައް ނައްތާލަން މަސައްކަތް ކުރާ ތަނެއް ނުފެނޭ. މީގެ ކުރިން ވެސް އަޅުގަނޑުވާނެ ނަތީޖާ ނެރެވޭކަން ދައްކާފައި. ގައުމީ އިއްތިހާދުގައި ވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތް."ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ ބިލު ތަސްދީގު ނުކުރުމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހުން ބައެއް ކުދި ޕާޓީތަކުން އެދެމުންދާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަދި ވަކި ގޮތަކަށް ނުނިންމަން. ނަމަވެސް އަންނަ ހަފްތާގެ ތެރޭގައި ކައުންސިލު ބައްދަލުވުމެއް ބާއްވާނަން. އެބައްދަލުވުމުގައި މިމައްސަލަ ވެސް ކުރިއަށް ގެންދާނަން. އެއަށްފަހު ނިންމާނީ ރައީސަށް ދަންނަވާނީތޯ ނުދަންނަވާނެތޯ ވެސް." ޒަކީ ވިދާޅުވިއެވެ.
ގައުމީ އިއްތިހާދުގައި މިހާރު ތިބީ 3219 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ