ޓެރަރިޒަމްގެ ބިިލް ގާނޫނަކަށް ވިޔަސް ނާޖާއިޒް ގޮތުގައި ބޭނުމެއް ނުކުރާނެ: އުމަރު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ އާ ބިލް ގާނޫނަކަށް ވިޔަސް އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ސަރުކާރުން ނުހިފާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ބޮޑެތި އަދަބުތަކާއި ހަރުކަށި އުސޫލުތަކެއް ހިމަނައި، ހޯމް މިނިސްޓަރަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ފާސްކުރި ބިލާ ގުޅޭ ގޮތުން އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނަކީ އޭގެ ބޭނުން ގޯސްކޮށް ނުވަތަ ރަނގަޅަށް ވެސް ކުރެވިދާނެ އެއްޗެއް ކަމަށާއި ޓެރަރިޒަމް މަނާކުރުމުގެ ބިލް ގާނޫނަކަށް ވިޔަސް އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ސަރުކާރުން ނުހިފާނެ ކަމަށެވެ. The knife in the kitchen can be used to cut vegetables or kill a person. Every law is like that. Govt will NOT abuse the Anti-Terrorism Act. — Umar Naseer (@UmarNaseerPPM) October 28, 2015 އުމަރު ކުރެއްވި ޓްވީޓް ގާނޫނުތައް ގޯސްކޮށް ނުވަތަ ރަނގަޅަށް ވެސް ބޭނުން ކުރެވިދާނެ ކަމަށް އިޝާރާތް ކުރައްވައި، އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވަނީ ބަދިގޭގައި ބޭނުންކުރާ ވަޅިއަކީ ތަރުކާރީ ކޮށަން ނުވަތަ މީހަކު މެރުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށެވެ. އިދިކޮޅު ގިނަ މެމްބަރުން ދެކޮޅު ހަދަމުން ދަނިކޮށް މަޖިލީހުން އިއްޔެ އެ ބިލް ފާސްކުރީ އިދިކޮޅު އެމްޑީޕީން ހުށަހެޅި އެއްވެސް އިސްލާހެއް ހިމެނުމެއް ނެތި އެވެ. އެމްޑީޕީން ބުނި ގޮތުގައި އެއީ ސިޔާސީ ވާދަވެރިން ނައްތާލުމަށާއި ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ބިލެކެވެ. އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ސަރުކާރުން ހިފާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ