ތަހުގީގަށް ރަނގަޅު ކުރިއެރުންތަކެއް އެބަ ލިބޭ: އުމަރު

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި މައްސަލައިގެ ތަހުގީގަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް، އެކަން ހިނގި ގޮތް ބަލަން އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ. "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި، އެ ކޮމިޝަންގައި އެންމެ އިސްކޮށް ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު އެހެން ވިދާޅުވި ނަމަވެސް، ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ. ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު ރައީސް ޔާމީން އުފެއްދެވި ކޮމިޝަނަށް މިހާތަނަށް ބައެެއް މީހުން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އެ ކޮމިޝަންގެ މަސައްކަތްތައް ސީދާ ރިޕޯޓް ކުރަނީ ރައީސް ޔާމީނަށެވެ. އުމަރުގެ އިތުރުން ކޮމިޝަންގައި ހުންނަވާ ހަމައެކަނި މިނިސްޓަރަކީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ. އެ ދެ ބޭފުޅުންގެ އިތުރުން ދެން ތިއްބަވަނީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ދާއިރާގެ ބައެއް އިސް ބޭފުޅުންނެވެ. އެއީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުއްރައޫފާއި ކެޕްޓަން އަލީ އިހުސާނާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޗީފް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު ސާމިހެވެ. ރައީސް އެއާޕޯޓުން މާލެ ވަޑައިގެންނެވި ލޯންޗް އިއްޒުއްދީން ފާލަމާ ކައިރި ކުރަނިކޮށް އެއްޗެއް ގޮއްވައި ބަޔަކު ޒަހަމްވުމުން ޕޮލިސް ލޯންޗަށް އެމީހުން އަރުވަނީ. ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިހާތަނަށް މީޑިއާއަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ ތަން ފެންނަ ވީޑިއޯއެއް ކޮމިޝަންގެ ފަރާތުން ވަނީ އާންމުކޮށްފަ އެވެ. ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލަން ކަމަށް ތަހުގީގަށް މިހާރު އެނގިފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ވިދާޅުވެފަ އެވެ. ސިފައިންގެ ބަޑިގުދަނާ ގުޅުން ހުރި ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު މުންދު ވިދާޅުވެފައި ވަނީ އެ މީހުން ހައްޔަރުކުރީ ލޯންޗުގެ ހާދިސާއާ ގުޅިގެން ކަމަށެވެ. ގޮވުމަކީ ކުރިން ރާވައިގެން ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާގެ ތަހުގީގުގައި ބައިވެރިވި ސްރީ ލަންކާގެ ތަޖުރިބާކާރުންނާ ހަވާލާދީ އެ ގައުމުގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވެ އެވެ. ހައްޖުގެ އަޅުކަމަށް ފަހު ހުޅުލެ އިން މާލެ އަށް ވަޑައިގެންނެވި "ފިނިފެންމާ" ގައި ހިނގި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މައިބަދައާ ގުޅިފައިވާ ކަށިތަކުގައި ރެނދުލައި މިހާރު ވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭގެ އިތުރުން ރައީސްގެ ސެކްރެޓަރީ ފާތުމަތު ސޯލިހް (ފާތޭ) އައި ރައީސްގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ) އަބްދުއްނާސިރު ވެސް ޒަހަމްވި އެވެ. އޭގެ ތެރެއިން ފާތޭއަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނާސިރަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ