ހައި ކޯޓުން ބާތިލްކޮށް، އަލުން ބަލަން އެންގި މަރުގެ ހުކުމުގެ ޝަރީއަތް މިއަދު ފެށޭ ގޮތެއް ނުވި

ދަށު ކޯޓުން މަރުގެ ހުކުމް އިއްވި މީހެއްގެ ޝަރީއަތުގައި ގޯސްތަކެއް ހެދިފައި ހުރުމުން، އެ ހުކުމް ބާތިލްކޮށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށަން މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ. އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އެންގީ ހައި ކޯޓުންނެވެ. ގއ. މާމެންދޫ ތަރިވިދާގޭ މުހައްމަދު ގާސިމް މެރުމަށް ޖުލައި، 2008 ގައި ޖިނާއީ ކޯޓުން ހުކުމްކުރީ 2006 ވަނަ އަހަރު ގއ. ވިލިނގިލީ، ކަނޑުއޮޅި މުހައްމަދު ޝިހާބަށް ހަމަލާދީ މަރާލި މައްސަލައިގަ އެވެ. އެ މައްސަލަ ގާސިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މާޗް، 2013 ގައި ހައި ކޯޓުން ވަނީ އޭނާއަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވައިފަ އެވެ. މައްސަލަ އަލުން ބަލަން އެންގުމުން، އެ މައްސަލައިގެ ޝަރީއަތް މިއަދު އަލުން ފަށަން ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ވަނީ ކެންސަލްކޮށްފަ އެވެ. އަޑުއެހުން ކެންސަލްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނު ސަބަބެއް ސާފެއް ނުވެ އެވެ. ގާސިމް މަރަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ، ގާސިމާ ދެކޮޅަށް ހެކިބަސް ދިން ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު އޭނާއަށް ނުލިބޭ ގޮތަށް ހެކިންގެ ބަސް ކޯޓުން ހޯދާފައި ވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް ލިބެންޖެހޭއިރު، އެއާ ޚިލާފަށް އަމަލު ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ. އެހެންވެ ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައި، އެ ހިސާބުން ގާސިމަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށް ވާތީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް އަލުން ގެންދަން އަންގައިފަ އެވެ. އެ މައްސަލާގައި ގާސިމްގެ އިތުރުން އިތުރު ތިން މީހަކު މެރުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު، އޭގެ ތެރެއިން އިސްތިއުނާފަށް ދިޔައީ އެންމެ މީހެކެވެ. ގާސިމް މަރަން ކުރި ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމަކީ މަރުގެ ހުކުމެއް ބާތިލްކޮށް މިހާތަނަށް ހައި ކޯޓުން ކުރި ފުރަތަމަ ހުކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ