"ހަވީރު"ގެ ވޯލްޑްކަޕް ސްކޯ ދިމާކުރި ފަރާތްތަކަށާއި ރޯދަ މަހުގެ މުބާރާތްތަކަށް އިނާމު ދީފި

މިދިޔަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ މެޗްތަކުގެ ނަތީޖާ އެންމެ ގިނައިން ދިމާކުރި ފަރާތްތަކަށާއި ރޯދަ މަހާ ދިމާކޮށް "ހަވީރު"ން ކުރިއަށް ގެންދިޔަ މުބާރާތްތަކުން ވަނަތައް ހޯދި މީހުންނަށް މިއަދު އިނާމު ދީފި އެވެ. ސަލްސާ ރެސްޓޯރަންޓްގައި ބޭއްވި ހަފުލާގައި އިނާމު ދިނީ ވޯލްޑް ކަޕްގެ މެޗްތަކުގެ ނަތީޖާ އެންމެ ގިނައިން ދިމާކުރި ތިން މީހަކަށާއި ރޯދަ މަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ކުރު ވާހަކަ މުބާރާތް، "ފިނި ހަވީރަ"ށް އެންމެ މޮޅު ވާހަކަ ލިޔުނު ތިން މީހަކަށާއި އޮންލައިން ކުއިޒް އިން ހޮވި ތިން މީހަކަށް އަދި ފޮޓޯ މުބާރާތުން އެންމެ މަގުބޫލް ތިން ފޮޓޯ އަށެވެ. އެ މުބާރާތްތައް ސްޕޮންސަ ކުރި ފަރާތްތަކާ އެކު ބޭއްވި ހަފްލާގައި، ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗްގެ ސްކޯ ދިމާކޮށްގެން އީ-ލައިފް އިން ހުށަހެޅި 64 އިންޗީގެ ސެމްސަންގް ޓީވީ ލިބުނީ ރ. އިންނަމާދޫ، މާފޮޅޭގޭ މަރިޔަމް ނާފިޒާ އަށެވެ. އޭނާ ވަނީ ވޯލްޑްކަޕްގެ 64 މެޗްގެ ތެރެއިން 10 މެޗްގެ ނަތީޖާ ދިމާކޮށްފަ އެވެ. ދެން އެންމެ ގިނައިން މެޗްތަކުގެ ނަތީޖާ ހަތަރު ފަރާތަކުން ދިމާކޮށްފައިވާތީ ތިން ވަނަ އާއި ހަތަރު ވަނަ ހޮވީ ގުރު ނަގައިގެންނެވެ. ތިން ވަނަ އަށް ހޮވިގެން ސީ ހައުސް އިން ހުށަހަޅާފައިވާ ލ. އަތޮޅުގައި ހުންނަ ސީ ހައުސް ހޮޓެލްގައި ހަފުތާއެއްގެ ޗުއްޓީ ދަތުރެއް ލިބުނީ އައިޝަތު ޝަބާނާ އަށެވެ. އަދި ތިން ވަނަ ލިބިގެން އެކްސީޑުން ހުށަހެޅި ޕީއެސްސީ ތްރީ ލިބުނީ ފާތިމަތު ޝިއުޒާ އަށެވެ. "ފިނި ހަވީރު" ވާހަކަ މުބާރާތުން އެއްވަނަ ލިބުނު އަންވަރު އިބްރާހީމް މިއަދުގެ ހަފުލާގައި.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ރޯދަ މަހަށް ހާއްސަކޮށް ބޭއްވި މުބާރާތްތަކުގެ ތެރެއިން، "ފިނި ހަވީރު" ވާހަކަ މުބާރާތުން އެއްވަނަ ހޯދައިގެން 10،000ރ. އާއި ހަވީރުގައި ވާހަކަ ލިޔުމުގެ ފުރުސަތު ލިބުނީ، "ސިއްރު" ވާހަކަ ލިޔުނު އަންވަރު އިބްރާހިމަށެވެ. އެންސިޒް އިން ސްޕަންސާ ކުރި އެ މުބާރާތުގެ ދެ ވަނަ ލިބުނީ، "ދިމަޅި" ވާހަކަ ލިޔުނު މަރިޔަމް ރައުހާ އަށެވެ. އޭނާ އަށް އިނާމެއްގެ ގޮތުން 5،000ރ. ދިނެވެ. އަދި ތިން ވަނަ އަށް ހޮވުނު، "އޯކިޑް" ވާހަކަ ލިޔުނު އަލީ އަންވަރަށް ވެސް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރޯދަ ކުއިޒްގައި މަދު ވަގުތުކޮޅަކުން އެންމެ ގިނަ ސުވާލު ދިމާކޮށްގެން އެއް ވަނަ އަށް ހޮވުނީ މުހައްމަދު އަބްދުﷲ އެވެ. އޭނާ ވަނީ އެންމެ ފަހަރަކު މަސައްކަތްކޮށް 109 ސިކުންތުގެ ތެރޭގައި 50 ސުވާލުގެ ޖަވާބު ރަނގަޅުކޮށްފަ އެވެ. އިނާމެއްގެ ގޮތުން އޭނާ އަށް ދީފައި ވަނީ 10،000ރ.ގެ އިނާމެކެވެ. ދެވަނަ އަށް ދިޔަ ހުސެން ހަބީބަށް މިއަދު ވަނީ 5،000ރ. ވެސް ދީފަ އެވެ. ހުސެން ވަނީ 114 ސިކުންތުން 50 ސުވާލުގެ ޖަވާބު ރަނގަޅުކޮށްފަ އެވެ. އަދި އެންމެ ފަހަރަކު މަސައްކަތްކޮށްގެން 118 ސިކުންތުން 50 ސުވާލުގެ ޖަވާބު ރަނގަޅުކޮށްގެން ތިންވަނަ ހޯދީ ރައުޝަން ރިޔާޒު މުހައްމަދެވެ. އޭނާ އަށް ވަނީ އިނާމެއްގެ ގޮތުން 3،000ރ. ދީފަ އެވެ. އޮންލައިން ފޮޓޯ މުބާރާތަށް ކިޔުންތެރިން ފޮނުވި ފޮޓޯތަކުގެ ތެރެއިން ފޭސްބުކްގައި އެންމެ މަގުބޫލު ފޮޓޯ އަކަށް ހޮވުނީ "ފޮޓޯ ސަޖަލް" ގެ ނަމުގައި އަލީ ޝަރީފް ފޮނުވި ފޮޓޯއެވެ. އޭނާގެ ފޮޓޯއަށް 23،000 ލައިކް ފޭސްބުކުން ލިބިފައިވެ އެވެ. އިނާމެއްގެ ގޮތުން އޭނާ އަށް ދިނީ އީވޯ ހޯމްގެ ފަރާތުން ހުށަހެޅި 17،000ރ. ގެ މީޑިއާ ސެޓެކެވެ. ދެވަނަ އަށް ހޮވުނީ އޭނާގެ އަންހެނުން ފާތިމަތު ޝިޒްމާ ފޮނުވި ފޮޓޯ އެވެ. އެ ފޮޓޯ އަށް 16،000 ލައިކް ލިބިގެން ކޮޕިއާ ޕްލަސް އިން ހުށަހެޅި ފޯ އިން ވަންގެ ޕްރިންޓަރާއި 5،000ރ. ވަނީ ދީފަ އެވެ. އޮންލައިންކޮށް ފޮނުވި ފޮޓޯ އަށް 10،000 ލައިކް ހޯދައިގެން ތިން ވަނަ އަށް ދިޔައީ ޔޫޝައު މުހައްމަދެވެ. އޭނާ އަށް 3،000ރ. ވަނީ ހަވާލުކޮށްފަ އެވެ. އިނާމުތައް ހަވާލުކޮށް ދެއްވީ އެ މުބާރާތްތައް ސްޕޮންސަކުރި ފަރާތްތަކާއި "ހަވީރު"ގެ ބަައެއް އިސްވެރިންނެވެ. "ހަވީރު" ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވީ އެ މުބާރާތްތަކަށް ވަރަށް ގިނަ ކިޔުންތެރިންގެ ތަރުހީބު ލިބުނު ކަމަށެވެ. އަދި މި ރޯދަ މަހަކީ "ހަވީރު" ން ކިޔުންތެރިންނާ ހިސާބަށް އެންމެ ތަފާތު ކަންތައްތައް ގެނެސްދިން ފަހަރު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. "މިއީ ހަވީރުގެ އެކި ޑިޕާޓްމަންޓްތަކުގެ ވަރަށް ބުރަ މަސައްކަތް. އަޅުގަނޑުމެން މި ގެނެސްދިން ކަންތައްތައް ގިނަ ކިޔުންތެރިން ބަލައިގަތުން މިއީ އަޅުގަނޑުމެންނަށް ލިބުނު އުފަލަކީ،" މޫސަ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ