ޝަރީއަތްތައް ދެއްކޭނެ ގޮތް ހަދައިދޭން ވީމީޑިއާ އިން އެދުމުން ކޯޓުން އެއްބަހެއް ނުވި!
އާއްމުކޮށް ހުޅުވާލައިގެން، ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ދުރަށް ދެއްކޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވީމީޑިއާ އިން އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހިންގަވާ، ވީމީޑިއާގެ ސީއޯއޯ އިސްމާއިލް އާސިފް (މޮންދު) "ހަވީރަ"ށް ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުން އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތައް، އެ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް، އެ ކޯޓުގައި އެދުނީ މީގެ ހަތަރުު ވަރަކަށް ދުވަސް ކުރިންނެވެ. އެ ގޮތުން، ރެކޯޑުކޮށްގެންނާއި ލައިވްކޮށް، ޝަރީއަތުގެ މަޖިލިސްތައް ދެއްކޭނެ ގޮތް ހަދައިދޭން އެދިފައި ވާނެކަން، އޭނާ ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެން އެގޮތަށް އެދުނީ ވީހާވެސް ގިނަ ބަޔަކަށް ކޯޓުގައި ހިނގާ ކަންކަން އަންގައި ދޭން ޝައުގުވެރި ވާތީ،" އާސިފް ވިދާޅުވި އެވެ. ވީމީޑިއާގެ އެ ހުށަހެޅުމުގެ ޖަވާބުގައި، ކްރިމިނަލް ކޯޓުން މިއަދު ވަނީ، "އެދިވަޑައިގެންނެވި ކަންކަން މި ވަގުތު ހަމަޖައްސައި ދެވެން ނެތް ވާާހަކަ ދަންނަވައި،" އެ ކުންފުންޏަށް ސިޓީއެއް ފޮނުވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ. ނާޒިމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ވީހާ ވެސް ގިނަ ބަޔަކަށް ވަދެވޭނެ ގޮތަށް، އާއްމު ތަނެއްގައި ބާއްވައި ދިނުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އާއި ރައީސް އަބްދުﷲ ޔާމީންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން، އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް، ނާޒިމްގެ ވަކީލުން ވިދާޅުވެ އެވެ. ޝަރީއަތްތައް ވަގުތުން ދެއްކުމަކީ ދުނިޔޭގައި ވެސް އެހާ އާންމު ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު އެންމެ ފަހުން ލައިވްކޮށް ދެއްކީ ދެކުނު އެފްރިކާގެ ދުވުންތެރިޔާ އޮސްކާ ޕިސްޓޯރިއަސްގެ ޝަރީއަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ