ހުމާމް މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި

މަޝްހޫރު ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް އެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީކް ކޯޓުގައި ނިންމާލީ މިދިޔަ ބުދަ ދުވަހު އެވެ. މިމައްސަލަ ސުޕްރީމް ކޯޓުގައި ބެލުމަށްފަހު ހުމާމުގެ މައްޗަށް މިރޭ ހުކުމްކުރީ އެކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް މީގެ ކުރިން ވަނީ ތާއީދުކޮށްފަ އެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ހުމާމްގެ ފަރާތުން އެދުނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށެވެ.
އަފްރާޝިމް މަރާލި ކަމަށް ހުމާމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި މީގެކުރިން އިއުތިރާފްވި ނަމަވެސް އަފްރާޝީމް މަރާލި ކަމަށް އޭގެ ފަހުން އޭނާ ދެކޮޅު ހަދަ އެވެ. ނަމަވެސް ދައުލަތުން ބުނީ ހުމާމް މީގެ ކުރިން ވެފައިވާ އިއުތިރާފާއި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހުމާމް މެރުމަށް ސުޕްރީމް ކޯޓުުން ތާއީދުކޮށްފައިވާތީ އޭނާއަށް މިހާރު މަރުގެ އަދަބުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ޑރ. އަފްރާޝީމްގެ ވާރިސުން އޭނާއަށް މައާފްކުރުމެވެ. އަފްރާޝީމްގެ ދެ ވާރިސަކު މިރޭ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް މިވަގުތު ބޭނުން ނުވާ ކަަމަށެވެ. މި ސިޓީގައި ބުނެފައިވަނީ އަފްރާޝީމް އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނާއިރު އެއީ އެބައެއް އަދިވެސް ހޯދިފައި ނުވާ ކަމަށާއި މިފަދަ އެތައް ކަމަކާ ހުރެ މިމައްސަލައިގެ ތަހުގީގު އަދި ފުރިހަމަވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ގިސާސް ހިފަން ބޭނުން ނުވަނީ އެކަންކަން އަދި ފުރިހަމަ ވެފައި ނުވާތީ ކަމަށްވެސް ސިޓީގައިވެ އެވެ.
އަހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް އަދި ބޭނުން ނުވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވީ އަފްރާޝީމްގެ ބައްޕާފުޅު އަލީ ޒާފިރުއާއި އަފްރާޝީމްގެ އެއްބަނޑުއެއްބަފާ ބޭބެ އަބްދުއް ނާސިރު އަލީ އެވެ. ނަމަވެސް މިސިޓީ ކޯޓަށް ފޮނުވީ ރަސްމީ ގަޑީގައި ކަމަށް ނުވާތީ ކަމަށް ބުނެ ސުޕްރީމް ކޯޓުން މި ސިޓީ ބަލައިގެންފައެއް ނުވެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނީ މަރުގެ މައްސަލައެއްގައި މީހަކު މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ އެ ހުކުމް އިއްވާތާ 30 ދުވަހުގެ ތެރޭގައި އެމީހެއްގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ދައުވާ ދައުލަތުން ހުމާމުގެ މައްޗަށް އުފުލީ 10 ޖެނުއަރީ 2013 ގައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 16 ޖެނުއަރީ 2014 ގައެވެ. އަދި އެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު އޭރު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ