ޒަކާތު ފަންޑުން ދީނީ ޖަމިއްޔާތަކަށް ފައިސާ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒިޔާދު މިހެން ވިދާޅުވީ ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަސަައްކަތް ކުރާ 11 ޖަމިއްޔާއަކާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި ޖަމިއްޔާތަކަށް ދިމާވެފައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ ކަންކަމާއި، މިނިސްޓްރީއާއި ޖަމިއްޔާތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިނިސްޓަރު ޒިޔާދު މަޝްވަރާކުރެއްވި ކަމަށެވެ.
މިނިސްޓްރީން ބުނީ ޖަމިއްޔާތަކަށް ދިމާވާ މައްސަލަތަކުގެ ގޮތުގައި އެންމެ ބޮޑަށް ޝަކުވާ ލިބުނީ ޖަމިއްޔާތަކުގެ ހަރަކާތްތައް ހިންގަން ތަންތަން ނުލިބުމާ ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން ޖަމިއްޔާތަކުގެ ހަރަކާތްތައް ޕްރޮމޯޓްކޮށް އިއުލާންކުރުމުގައި ހުރި މައްސަލަތައް ވެސް ޖަމިއްޔާތަކުން ފާހަަގަކުރި ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޖަމިއްޔާތަކުގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ޖަމިއްޔާތަކަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކޮށްދިނުމަށްޓަކައި ޒަކާތު ފަންޑުން ފައިސާ ބަހާ އުސޫލު މުރާޖާ ކުރުމަށްފަހު ދީނީ ޖަމިއްޔާތަކަށް ޒަކާތު ފަންޑުން ފައިސާ ލިބޭނެ އުސޫލެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެެ.
މިބައްދަލުވުމުގައި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މެދުގައި އިސްލާމް ދީނަކީ މަގުބޫލު ދީނަކަށް ހެދުމަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދީނީ ޖަމިއްޔާތަކަށް ޒަކާތު ފަންޑުން ފައިސާ ދޭން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ