މައުމޫން ހުންނެވީ އަޅުގަނޑުމެންނާއެކު: ނަޝީދު

އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ޖެހޭ ކަމަށާއި، އެ މަރުހަލާގައި އިދިކޮޅު އިއްތިހާދުގެ އިތުރަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ވެސް ތިއްބަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިއްޔެ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއު އެއްގައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން އިން ވެސް ރިޕޯޓުކޮށްފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދު އިންޑިއަން އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، 2018 ގައި ރިޔާސީ އިންތިހާބު ބޭއްވެންދެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމު ކުރުމަށްޓަކައި އިންތިގާލީ ބައެއް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެމަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން މިވަގުތު ހުންނެވީ ކަންކަމުން ދިފާއުވެ ވަޑައިގެންނެވޭނެ ފަދަ މަގާމެއްގައެއް ނޫން. ވަރަށް އަވަހަށް އަނެއްކާވެސް ސްރީލަންކާއަށް ދަތުރު ކުރައްވާނަން. މިވަގުތު ރާއްޖެއަށް ބޭނުންވަނީ ޑިމޮކްރަސީގެ އަސާސުތަކާ އެއްގޮތަށް ކަންކަން ހަމަޖެހިގެންދާ ސަރުކާރެއް. އެސަރުކާރު ގާއިމް ކުރުމަށް އުފައްދާ އިންތިގާލީ ސަރުކާރުގަ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ވެސް ހިމެނޭނެ. މައުމޫން ވެސް ހުންނެވީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރު ބަދަލުކުރާނެ ގޮތުގެ ގިނަ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އިންޑިއަން އެކްސްޕްރެސް ނޫހަށް ނަޝީދު ދެއްވާފައެއް ނުވައެވެ. މީގެއިތުރުން އެނޫހުގައި ނަޝީދާ ހަވާލާދީ ބުނެފައި ވަނީ، ރައީސް ޔާމިން އެމަނިކުފާނުގެ ބޭބެފުޅު އަދި ކުރީގެ ރައީސް މައުމޫނަށް ފުރަގަސް ދިން ދިނުމަކީ ޔާމިނަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވެސް ހުންނެވީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ތައްޔާރުވެ ކަމަށް ނަޝީދު ވިދާޅުވި އިރު، މައުމޫން މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ.
ނިމިގެން ދިޔަ އޮގަސްޓު މަހުގެ ފަހު ހަފްތާގެ ތެރޭގައި ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް އަދިވެސް ލިބިފައި ނުވާއިރު، އެމަނިކުފާނާއި އެކު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އެމްޑީޕީގެ ޗެއާޕާޝަން އަލީ ވަހީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ނަޝީދު ލަންކާއަށް ކުރެއްވި ދަތުރު ފުޅުގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އިދިކޮޅު ފަރާތްތަކުގެ ގިނަ ބޭފުޅުން ވަނީ ލައްކާއަށް ވެސް ވަޑައިގެންފައެވެ. ނަމަވެސް ނަޝީދާ ބައްދަލުކުރުމަށްފަހު އެއިން އެއްވެސް ބޭފުޅަކު މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އިނގިރޭސިިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް ނަޝީދު ލަންކާގައި ހުންނަވަނިކޮށް ރާއްޖޭގެ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ހައްޔަރުކުރުމުގެ ކޯޓް އަމުރެއްވެސް ނެރެފަ އެވެ. މި އަމުރާ ގުޅިގެން ލަންކާ ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދު ލަންކާގައި ހުންނެވި ނަމަވެސް ލަންކާ ސަރުކާރުން ކަންބޮޑު ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ލަންކާގައި ކުރައްވަނީ ޑިމޮކްރަސީގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ