މަޖިލިހުގައި ގުރައިދޫ ދާއިރާގެ އަޑު ކެނޑިފައި، ޣައްސާނު ކޮބާ؟

ކޮޅުމަޑުލު ގުރައިދޫ، ގާދިއްފުށި އަދި ދިޔަމިގިލީ ރައްޔިތުންގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ޝަކުވާއަކީ ސިޔާސީ މައިދާނުގައި މިރައްޔިތުންގެ އަޑު ކެޑިފައި އޮތުމެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ މަޖިލިސް މެންބަރުން އިންތިޚާބުވެވަޑައިގަތުމަށް ފަހު ގެއްލިވަޑައިގަންނަވާ ޝަކުވާއެވެ. މިރައްޔިތުން ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައި ނިމިދިޔަ ދެދައުރުގައިވެސް މަޖިލިހުގައި އިންނެވީ އެދާއިރާގެ ކުރީގެ މެންބަރު ޙުސައިން މަނިކު ދޮން މަނިކެވެ. މަޖިލިހުގައި ބަހެއް ވިދާޅުނުވާ ތަނުގައި މަޖިލިހުން ބޭރުންވެސް ދާއިރާގެ ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ނުއުޅުއްވާތީ ރައްޔިތުން ނިންމީ ބަދަލުކުރާށެވެ. ބަދަލަކަށް އެރައްޔިތުން އިޚުތިޔާރުކުރީ ޒުވާން ބޭފުޅެކެވެ. ސިޔާސީ ގޮތުން ބުރަދަން ހުންނާނެހެން ހީވާ ހުރިހާ ޞިފައެއް ހުރި ބޭފުޅެކެވެ. ބާރުގަދަ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަތުމެވެ. ފުދުންތެރިކަމާއި ފައިސާގެ ތަނަވަސްކަމެވެ. ވާހަކަދެއްކުމުގެ ހުނަރާއި، ޢިލްމީ ޤާބިލުކަމެވެ. މިޞިފަތަކާއި އެބޭފުޅެއްގެ ގިނަގުނަ ވަޢުދުފުޅުތަކަށް އިތުބާރުކޮށް، ގުރައިދޫ ދާއިރާގެ އުންމީދުތައް އެރައްޔިތުން ޙަވާލުކުރީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ހަގު ދަރިކަލުން، އަދި ރައީސް ޔާމީނަށް ބޮޑުބޭފުޅު ވިދާޅުވާ، ރައީސް މައުމޫނުގެ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނު އަރިހުގައި ހުންނެވި ހަމައެކަނި ބޭފުޅާ ޣައްސާނު މައުމޫނެވެ. ދާއިރާ ރައްޔިތުންނާ ގުޅުން ނެތުން: ކޮޅުމަޑުލު ގުރައިދޫއަކީ ޒަމާނުއްސުރެ، ޕީޕީއެމްގެ ފިކުރަށް ވޯޓުދޭ އެފިކުރަށް ތާއީދު ބޮޑު ރަށެކެވެ. އަދި އެދާއިރާއަކީވެސް އެފިކުރަށް އަޣުލަބިއްޔަތު އޮތް ދާއިރާއެެކެވެ. ދާއިރާގެ އާބާދީ އެންމެ ބޮޑު ރަށަކީ ގުރައިދޫއެވެ. ގޮތް ނިންމަނީ ގުރައިދޫއިންނެވެ. ނަމަވެސް ގުރައިދޫގައި ޕީޕީއެމް ހީނަރުވަމުން ފަޤީރުވަމުންދަނީ، ހަލުއިކޮށެވެ. ވާނީވެސް އެހެންނެވެ. ދާއިރާގެ ރައްޔިތުންނާއި ޕާޓީއާ ދެމެދު އޮންނަ ދާލަމަކީ މަޖިލިސް މެންބަރުކަމުގައިވާއިރު، ގުރައިދޫ ދާއިރާގެ މެންބަރާއި ގުރައިދޫ ރައްޔިތުންގެ މެދުގައި ގުޅުމެއް ނެތެވެ. ގުރައިދޫއިން ވާހަކަދެއްކެވި ޒުވާނަކު ވިދާޅުވީ،މެންބަރު ޣައްސާނާ ދާއިރާގެ ރައްޔިތުންގެ މެދުގައި ސިޔާސީ ގޮތުން ގުޅުމެއް ނެތް ގޮތަށް، ޝަޚުޞީ ގޮތުންވެސް ގުޅުމެއް ނުބާއްވަވާކަމުގައެވެ. ދާއިރާގެ ރައްޔިތަކު ފޮނުވައިލާ މެސެޖަކަށް ޖަވާބެއް ނުދެއްވައެވެ. ފޯނަކަށް އަމުދުން ޖަވާބު ނުދެއްވައެވެ. އިތުރަށް އެޒުވާނާ ވިދާޅުވީ މިހާރު މެންބަރާއި މެންބަރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ މަތިންވެސް ފޫހިވެއްޖެ ކަމުގައެވެ. މިދާއިރާގައި ބާކީ އޮންނަ ރަށްތަކުގެ ތެރެއިން ގާދިއްފުށީގައި، ޣައްސާނުގެ ކެމްޕެއިނުގައި އުޅުއްވި މެދުޢުމުރުން މަތީ ބޭފުޅަކު ނަން ނުޖެހުން ޝަރުޠުކުރައްވައި ދިޔަރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޣައްސާނު ވަޢުދުފުޅުތައް އުވާލައްވައިފިކަމުގައެވެ. ދާއިރާއަށް މަހަކު އެއް ފަހަރު ޒިޔާރަތްކުރައްވާނަމޭ ވިދާޅުވި މެންބަރު، މަޖިލިސް އިންތިޚާބު ކާމިޔާބުކުރައްވައި އެކަމުގެ އުފައު ފާޅުކުރުމަށް ބޭއްވެވި އިހުތިފާލުތަކަށް ފަހު ލޮލުކޮޅުންވެސް ނުފެންނަ ކަމުގައެވެ. އަދި ޒިޔާރަތެއް ނުކުރައްވާ ތަނުގައި ތިމަންމަން މާލެއަށް އަރައި ބައްދަލުކުރަން އުޅުނަސް ބައްދަލުކޮށްލައްވަން ކެރިވަޑައިނުގަތްކަމުގައެވެ. މޫނުފުޅެއް ފައިންޕުޅެއް ނުފެންނާތީ ޝަކުވާއެއް ކުރިއަކަސް ޖަވާބެއްވެސް ނުދެއްވާ ކަމުގައެވެ. ކެމްޕެއިނުގައި އިސްކޮށް އުޅުނު މީހުންނަށް ލަދުން ރަށު ރައްޔިތުންނާ ކުރިމަތިލާން ނުކެރޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމުގައެވެ. ރައްޔިތުންގެ ޝަކުވާތަކާއި އުދާހުގެ އަޑު އަހަންޖެހެނީ ޣައްސާނާ އެކު ކެމްޕެއިނަށް ނުކުމެ އުޅުނު މީހުންނެވެ. ޣައްސާނަކު މިއިން ވާހަަކައެއް އިވިލައްވާ ފަށަކަށް ވަޑައިނުގަންނަވައެވެ. އެދާއިރާގައި ޕީޕީއެމް ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ޝަރީޢަތެއް ފެށިގެން ކުރިއަށް ދާއިރު އެކަމުގައި ޣައްސާނު ހަނު ހުންނެވުމަކީ ޕާޓީއަށް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ޣައްސާނުގެ މަޤުބޫލުކަން ކުޑަވަމުން އަންނަ ސަބަބެއްކަމުގައެވެ. އޭނާ އިތުރަށް ކަށަވަރުކޮށްދެއްވި ގޮތުގައި ދާއިރާގައި އެންމެ މަޤުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމިނު ކަމުގައިވާތީ، ޣައްސާނަށް ވޯޓު ދިނުމުގެ އެންމެ އިސް ސަބަބަކީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ޣައްސާނު ހުންނެވުމެވެ. ކުރުކޮށް ދަންނަވަނީނަމަ، ދިވެހިރާއްޖޭގައި ޕީޕީއެމަށް އެންމެ ވަފާތެރިން ގިނަ، ރައީސް ޔާމީނަށް އެންމެ ބޮޑު ތާއީދެއް އޮތް އެއް ދާއިރާ، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކު ރައްޔިތުން އިންތިޚާބުރީމައި، އެދާއިރާ ރައްޔިތުންގެ ވަފާތެރިކަމަށް އަގު ދެއްވަނީ އިހާނަތިކޮށެވެ. ރައްޔިތުންނާ ގުޅުމެއް ނުބާއްވަވައެވެ. ދާއިރާގެ އުދާހުގެ އަޑަށް ދެއްވީ ބީރު ކަންފަތެކެވެ. ވެވަޑައިގެންނެވި ވަޢުދުތައްވެސް ހަނދުމަފުޅު ނެތް ކަހަލައެވެ. މީގެ 15 ވަރަކަށް އަހަރުކުރިން ދާއިރާއާ ގުޅުން ކަނޑައިލައިގެން 5 އަހަރު ހުރެފައި ގޮސް އަލުން އާދައުރަކަށް އިންތިޚާބު ވެވުނަކަސް މިހާރު އެކަމެއް ނުވާނެއެވެ. ދާއިރާއާ ގުޅުން ކަނޑުއްވައިލެެއްވުމުން، ރައްދުގައި ރައްޔިތުން ގުޅުމުގެ ވާގަނޑު ބުރިކޮށްލާނީ އިންތިޚާބު ފޮށިތަކުން، ވޯޓު ކަރުދާހުންނެވެ. ސިޔާސީ ގޮތުން މިހާރު ހުންނެވި ހަރުފަތަށްވުރެ މައްޗަށް ވަޑައިގަންނަވަން ޣައްސާނު ވިސްނުންފުޅުގައި އޮތް ކަމަށްވާނަމަ މިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނަވަންޖެހެއެވެ. މަޖިލިހުގައި ކޮބާ ހެއްޔެވެ؟ މަޖިލިސް 19 ތަފާތެވެ. ކޮންމެ ދުވަހަކީވެސް މަސައްކަތްތަކެއް ކުރިއަށްދާ ދުވަހަކެވެ. ބިލުތަކާއި ޤަރާރުތަށް ހުށަހެޅެމުން ދެއެވެ. ބަހުސްތައް ކުރެވި، މެންބަރުން ވަރަށް ގިނަ ވާހަކަތައް ދައްކަވައެވެ. އިދިކޮޅު މެންބަރުންނަށްވެސް އެކަމަށް ފުރުޞަތު ދެވެެއެވެ. ހުރަހެއް ނެތެވެ. މަޖިލިހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވި، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމާއި، މީދޫ ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ ދިފާޢީ ވަޒީރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެވެނީ އެފުރުޞަތުގެ ބޭނުންހިއްޕަވައި ރަނގަޅު އޮއްޓަރުހުރި ވާހަަކަފުޅުތަކެއް ދައްކަވާތީއެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ކަންކަން ކުރައްވަނީ އިންސާފުވެރި ގޮތެއްގައިކަން އެމެންބަރުންގެ ތެރެއިން އާދަމް ޝަރީފުވަނީ ފާހަގަކުރައްވާފައެވެ. ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން މިފުރުޞަތުގެ ބޭނުން ހިއްޕަވާ ތަނެއް ނުފެނެއެވެ. މިމަޖިލިސް ފެށުނު ފަހުން އެމަނިކުފާނު ވާހަކަފުޅުދައްކަވާ އަޑު އަޅުގަނޑުމެންނަށް އިވުނީ ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ބަހުސްކުރައްވަމުން އެދެއްކެވި ވާހަކަފުޅެވެ. ގުރައިދޫއަކީ މަސްވެރި ރަށެވެ. ގުރައިދޫ ދާއިރާއަކީ މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް އިޤުތިޞާދެއް އޮތް ދާއިރާއެކެވެ. މަސްވެރިކަމާ ބެހޭ ބިލެއް މަޖިލިހަށް ހުށަހެޅިއްޖެއެވެ. އެބިލާމެދު ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. ދާއިރާގެ ރައްޔިތުންކުރެން ހެއްޔޭވެސް އައްސަވައި ނުލައްވައެވެ. ގުރައިދޫއިން ވާހަކަދެއްކި މަސްވެރިއަކު ވިދާޅުވެފައިވަނީ ގުރައިދޫގެ މަސްވެރިން އުންމީދުުކުރީ މިބިލުގައި ހުރި މަސްވެރިން ކަންބޮޑުވާ ކަންކަމުގައި ގުރައިދޫ ދާއިރާގެ މެންބަރު ވާހަކަފުޅެއް ދައްކަވާނެކަމުގައެވެ. އިތުރަށް އޭނާ ވިދާޅުވީ ދާއިރާގެ މެންބަރަށް މިދާއިރާ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެހައި ކަމެއް މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް މިންވަރު ރަނގަޅަށް އެގިވަޑައިގަންނަވާނެއެވެ. އެގިވަޑައިގެން ހުންނަވައި އެކަމުގައި މަސްވެރިންގެ ޙައްޤުގައި ބަސްފުޅެއް ވިދާޅުވެނުލެއްވުމަކީ އެކަމަކާ މެދު އިންތިހާއަށް ހިތާމަކުރާ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މަސްވެރިކަމާ ގުޅޭ ބިލުގެ އިތުރުން އެހެނިހެން މުހިއްމު ބިލުތައް ހުށަހެޅެމުންދާއިރު އެއިން އެއްވެސް ބިލަކާމެދު ޣައްސާނު ބަހެއް ވިދާޅުނުވާތީ ގުރައިދޫ ދާއިރާގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވެއެވެ. އެބޭފުޅުން އުންމީދުކުރެއްވީ އެބޭފުޅުންގެ މެންބަރު މަޖިލިހުގައި އިސް ދައުރެއް އަދާކުރައްވާނެކަމުގައެވެ. އެރައްޔިތުންގެ އަޑު ޣައްސާނު މެދުވެރިކޮށް މަޖިލިހުގައި ގުގުމާލެވޭނެ ކަމުގައެވެ. އެހެންނަމަވެސް ކަންކަންވަމުންދަނީ މުޅިން އެއުންމީދާ އިދިކޮޅު، ނާއުންމީދުކުރުވަނިވި ގޮތަކަށްކަމުގައި ގުރައިދޫ ދާއިރާގެ ރައްޔިތުން ފާހަގަކުރަނީ ވަރަށްވެސް މޮޅިވެރިކަމާއެކުއެވެ. އުންމީދުގެ އަލިކަން: ޣައްސާނު މައުމޫނަކީ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ނާއުންމީދުގެ ވަގުތެއްގައި އިޚުތިޔާރު ކުރި އުންމީދުގެ ދަންމަރެކެވެ. އެރައްޔިތުން އުންމީދުކުރީ ޣައްސާނު މައުމޫނު، އެދާއިރާގެ ކުރީގެ މެންބަރާ ތަފާތުވާނެކަމުގައެވެ. މަޖިލިހުގެ ގޮޑި ހޫނުކޮށްލައްވާ މެންބަރެއްކަމުގައި ޣައްސާނު ވެވަޑައިނުގަންނަވާނެ ކަމުގައެވެ. ދާއިރާގެ ރައްޔިތުންގެ އިޙުސާސްތައް އަހާނެ ކަންފަތެއްކަމުގައި، ދެނަގެންނާނެ ހިތެއްކަމުގައި އަދި އެހީތެރިވާނެ އަތެއްކަމުގައި އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް އެއުންމީދުގެ ދަންމަރު ނިވެން ފަށައިފިއެވެ. މިދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ނާއުންމީދާއި މާޔޫސީގެ އަނދިރިކަން ގަދަވާން ފަށައިފިއެވެ. ޣައްސާނުގެ ސަބަބުންނެވެ. އެރައްޔިތުން އިޚުތިޔާރު ކުރި މެންބަރުގެ ސަބަބުންނެވެ. ޣައްސާނުގެ އަޅައިލެއްވުން ކުޑަވުމާއި މަޖިލިހާއި މަޖިލިހުން ބޭރުގައި ޣައްސާނުގެ ހަރަކާތްތެރިކަމެއް ނެތުމުންނެވެ. މަޖިލިސް މެންބަރުކަމަކީ އަމާނަތެކެވެ. އެއީ ރައްޔިތުން ހަވާލުކުރާ ބޮޑު ބުރަ މަސައްކަތެކެވެ. ޝަރުފުވެރި މަޤާމަކަށް އެމަޤާމުވަނީ، އަދި ޢިއްޒަތްތެރި މެންބަރުންނަށް މެންބަރުންވަނީ ޒިންމާއާއި މަސްއޫލިއްޔަތުގެ ބޮޑު ކަމުންނެވެ. އަމިއްލައަށް އާދޭސްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އާދައިގެ އިންސާނަކަށް އުފުލުމަށް ނުކުޅެދުންތެރިވާ ވަރުގެ ބިޔަ ބޮޑެތި ވަޢުދެވެވަޑައިގެން، ރައްޔިތުންގެ ވޯޓުން މަޖިލިހުގެ ގޮޑި ހޯއްދެވުމަށްފަހު، ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު ނިއްވަވައިލެއްވުމަކީ މެންބަރުކަމަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންކުރައްވާ ވަރަށް ދެރަވަރު، އެހައި ވިޔާނުދައި ޢަމަލެކެވެ. ސިޔާސީ ގޮތުން ނޭފަތްޕުޅުގެ ކުރިއަށްވުރެ ދުރަށް ވިސްނުންފުޅު ހުރި އެެއްވެސް ސިޔާސީ ބޭފުޅަކު އެފަދައަކުން އުޅުއްވާނެ ކަމުގައި ނުފެނެއެވެ. ދުރަށް ވަޑައިގެންނެވޭނީ ރައްޔިތުން ފަހަތްޕުޅުގައި ތިބިއްޔާއެވެ. ރައްޔިތުންގެ ތާއީދާއެކުއެވެ.  
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ހޭހަން
ހުންނާނީ ރާކަނިމަސް ކެވިފަ ދެން އަތް ޖަހާ
REPLY
ރައްޔިތުން ގެ ތާއީދާއެމަޖްލިހަށް ވަދެވި ރައްޔިތުންމަތިންހަދާން ނައްތާލެވޭނެ ނަމަ އެއީ މައްސަލަ އެއް ދެވަނަ ފަހަރަށް އެފުރުސަތަށް އުއްމީދު ނުކުރުން ބުއްދިވެރިންގެގޮތެއް ރައްޔިތުންގެ އަޑު އަހާ އެބައެއްގެ ކަންމުގަވަ ކާލާތުކުކުކުުކުރެވޭނަމަ ދެވަނަ ފުރުސަތަކަށް އުއްމީދު ވެސް ކުރަންޖެހޭނީ
REPLY
ޢަދި ކުރިއައް 5 އަހަރު އޮތީ،އަދި ރައްޔިތުން އެދުނު ބަދަލު ފެންނާނެ
REPLY
ފ
މާތްﷲއިރާދަ ކުރެއްވިޔާ މި 5 އަހަރުނިމޭނީ، ދާއިރާގެރައްޔިތުންގެ ހިނިތުންވުމުން.
REPLY
ފާތުން
އަޅުގަނޑަކީ ގުރައިދޫ ދާއިރާގެ ރައްޔިތެއް،ގައްސާން އަކީ ވަރަށް ރަންގަޅު ބޭފުޅެއް،އިރާދަ ކުރެއްވިއްޔާ 5 އަރަރު ނިމޭއިރު ދާއިރާގެ ހުރިހާ ރައްޔިތުންގެ ލޯބި ގައްސާން ހޯއްދަވާނެ.
REPLY
ހަސަން މުހައްމަދު
ބަލަ ސައީދު މެން ފަދަ ތާކުން ތާކަށް ނުޖެހޭ މީހެއް ނޫނެ ޣައްސާނު އަކީ، ހުސް ކޮން ލިބޭ ކޮންމެ ދުވަސްވަރަކު އޭނާ ގެ ވަގުތު ހޭދަ ކުރައްވަނީ ދާއިރާގައި. މި އީދު ވެސް ހޭދަ ކުރެއްވީ ގުރާއިދޫ ދާއިރާގައި.
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ