ކޯޓުން ގޮތެއް އަންގަންދެން މަންދު ކޮލެޖް ހިންގާ އިމާރާތް ހުސްނުކުރަން އަމުރުކޮށްފި
މަންދު ކޮލެޖް ހިންގާ ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގެ އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ނޯޓިސްއަށް އަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ. ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މަންދު ކޮލެޖް ހިންގުމަށް މާލޭހައި ޕްރައިވެޓް ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރަން މިނިސްޓްރީން ނިންމާފައިވާތީ، މަންދު ކޮލެޖުގެ ފަރާތުން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަންދު ކޮލެޖު ހުސްކުރުމަށް އަންގާފައިވާ އެންގުމަށް އަމަލުކުރުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ. މަންދު ކޮލެޖްގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް މިއަދު ސަން އަށް ވިދާޅުވީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޝަރީއަތަށް ނުފޮނުގައި ކޯޓުގައި ދެފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާއެއް ކުރަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދަން ކަމަށް އެ މިނިސްޓްރީން ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަންދު ކޮލެޖުގެ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ބަޔާންކޮށް ގާނޫނީ މާއްދާތަކާ ހަވާލާދީ މިނިސްޓްރީގައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީން ޖަވާބުގައި ފޮނުވި ސިޓީގައި އެކަންކަމަށް ރައްދުދެއްވާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. މަންދު ކޮލެޖު ހިންގާ އިމާރާތް ހުސްކޮށް އެޑިކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް 24 ގަޑިއިރުގެ ނޯޓިސް އެއް ދިނީ އިއްޔެ އެވެ. އެ މިނިސްޓްރީން ބުނީ، އެމްއީއެސްގެ ކުރީގެ މަސްއޫލުވެރީން ކަމުގައިވާގ.ސިނަމާލެ 3 (34-04) ޢަލީ މުސްތަފާ އާއި، މ. ސިނާ، އަޙްމަދު ޒާހިރުއާއެކު އެ މިނިސްޓްރީން 2008 ޑިސެމްބަރު 28ގައި ވެފައިވާ އެއްބަސްވުމުގެ އަސާސަކީ، އެމްއީއެސް ހިންގި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުންކަމަށެވެ. ނަމަވެސް އެފަދަ ސްކޫލެއް މިއަދާ ހަމައަށް ވެސް ހިންގާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ