15 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފި
އުމުރުން 15 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފި އެވެ. އުމުރުން 15 އަހަރުގެ ކުއްޖާއަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. ޖުވެނައިލް ކޯޓުގެ އަމުރުގައި ވަނީ އެކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ނުވަތަ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެން، އެކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށެވެ. އެކުއްޖާ އަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޖުވެނައިލް ކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެއް ކަމަށް އެ ކޯޓުން ބުންޏެވެ. ޖުވެނައިލް ކޯޓުން ބުނީ އެކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ހަވާލުކުރަން ބެލިއިރު، އެކުއްޖާގެ އާއިލާ ވަނީ ރޫޅިފައި ކަމަށެވެ. އެ ކުއްޖާގެ މަންމައަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާއިރު އޭނާ އެގައުމުގައި ދިރިއުޅެމުންގެންދާ ތަނެއް ހޯދިފައިނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ. ކުއްޖާގެ ބައްޕައަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަމުން ކުއްޖާގެ ބައްޕަގެ ކިބައިގައި އޭނާ ބެލެހެއްޓޭނޭފަދަ ޙާލަތެއްނެތުމުން ކުއްޖާގެ އުމުރުން ނުވަ އަހަރުން ފެށިގެން ކުއްޖާ ދިރިއުޅެމުން ގެންދިޔައީ ކުއްޖާގެ ބައްޕަގެ ރައްޓެއްސެއް ގާތުގައި ކަމަށާއި އެމާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލެއް ނޫންކަމަށް، މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓުން އެކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ. "މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޝަރުއީ ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި މަޝްވަރާކުރުމަށްފަހު،" ޖުވެނައިލް ކޯޓުން ބުންޏެވެ. ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން އެއަމުރު ނެރުނުއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނު ގެ އަށް ވަނަ މާއްދާއަށް ވަނީ ރިއާޔަތްކޮށްފައެވެ. އަދި ރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެމުއާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ވެސް އެ އަމުރު ނެރުމުގައި ވަނީ ރިއާޔަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ