ޢަބްދުﷲ ގާޒީ ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނަށް ނަސޭހަތްދެއްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުހުންނާއި ދައުލަތުގެ ވަކީލުންނަށް ނަސޭހަތް ދެއްވައިފިއެވެ.
އަބްދުﷲ ގާޒީ ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނަށް ނަސޭހަތް ދެއްވީ އދ. ފެންފުށީ ރިވާވިލާ އާދަމް އަލީގެ މައްސަލަ ޝަރީއަތަށް ނުފޮނުވަނީސް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މާމިގިލީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ޝަރީއަތަށް އޭނާގެ މައްސަލަ ނުފޮނުވައި މިހާތަނަށް އޭނާ ބަންދުގައި ބެހެއްޓި މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވީ އާދަމް އަލީގެ ގާނޫނީ ވަކީލެވެ. ދެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން އާދަމް އަލީ ހައްޔަރު ކުރީ 27 އޮކްޓޯބަރ 2014 ވަނަ ދުވަހުއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އދ. މާމިގިލީ ކޯޓުން އަމުރު ނެރުނީ 25 ފެބްރުއަރީ 2015 ވަނަ ދުވަހުއެވެ.
ޢަބްދުﷲ ގާޒީ ވިދާޅުވީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރެވޭނީ ޝަރީއަތަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. މާމިގިލީ ކޯޓުން އެއާ ޚިލާފަށް އަމަރު ނެރުނަސް، އެކަމާ ގުޅިގެން ޕީޖީ އޮފީހުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
އަދި މީގެކުރިން ޝަރުއީ ކޯޓެއްގެ ހުކުމަކާ ނުލައި މީހަކު 16 އަހަރު ވަންދެން ޖަލުގައި ހުރި މައްސަލައެއް ފެންމަތިވި ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ރާއްޖޭގެ ޝަރުއީ ނިޒާމާ ޚިލާފު ކަމެއް ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވިއެވެ. އަބްދުﷲ ގާޒީ ވިދާޅުވީ އާދަމް އަލީގެ ގާނޫނީ ވަކީލު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އަވަސް އަރުވާލައިގެން އެ މައްސަލައާ ގުޅިގެން ފެންފުށީ ކޯޓުގައި ޕީޖީން ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި އާދަމް އަލީގެ ވަކީލު މައްސަލަ ކޯޓަށް ހުށަނޭޅިނަމަ، ޝަރީއަތުގައި ނެތް މައްސަލައަކާ ގުޅިގެން އަދާމް އަލީ އަދިވެސް ހުންނާނީ ބަންދުގައި ކަމަށް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކޮށް އޮތީ ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަ ކުރަންޖެހުމުން ކަމަށެވެ.
އާދަމް އަލީގެ ގާނޫނީ ވަކީލު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އަބްދުﷲ ގާޒީ ވިދާޅުވީ އެއީ އެހެން ކޯޓަކުން ނެރެފައިވާ އަމުރަކަށް ވާތީ އެ އަމުރާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމެން ނެތް ކަމަށެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ ގާނޫނުގެ ވެރިކަން ދަމަހައްޓަން ފުލުހުންނާއި ޕީޖީ އޮފީސް ހޭލުންތެރިވެފައި ނެތްކަން ކަމަށެވެ. ފުލުހުންނާއި ޕީޖީ އޮފީހުން ގާނޫނަށް ހޭލުންތެރިވެފައިނުވާކަން އެކަމުން ދޭހަކޮށްދޭ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައިގެ އަޑުއެހުން ނިންމާލާފައި ވަނީ އެފަދަކަންކަން ތަކުރާރު ނުކުރުމަށް ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނަށް ނަސޭހަތްދެއްވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ