ސްޓެލްކޯ އިން ކަރަންޓްގެ ޚިދުމަތް ދޭ ސަރަހައްދުތަކުގައި 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ޔުނިޓަކަށް ނަގާ ވަރު ހެޔޮ ކުރަން އެކުންފުނިން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ މިއަދު ފެނަކަ ކޯޕަރޭޝާނާއި އެންސްޕާ އަދި އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެވެ.
ކަރަންޓްގެ އަގަށް ބަދަލު ގެނައި އިރު ކަރަންޓް ސަބްސިޑީ ވެސް ކަނޑާލަން ވަނީ ނިންމާފައެވެ.
އެ ބައްދަލުވުމުގައި އިއުލާންކުރި ގޮތުގައި ސްޓެލްކޯ އިން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުން މަހެއްގެ މައްޗަށް 400 ޔުނިޓަށް ވުރެ ކުޑަކޮށް ބޭނުން ކުރާ ގޭބިސީތަކަށް ޗާޖް ކުރާނީ އަގުހެޔޮކޮށެވެ.
ސްޓެލްކޯއިން ޔުނިޓަކަށް ނަގަމުން އައި އަގުތަކުގައި ވާގޮތުން މާލެ ސަރަހައްދުން މީގެ ކުރިން 301-400 ޔުނިޓާ ދެމެދުގެ ނަގަމުން އައީ 2.95 ރުފިޔާ އެވެ. ނަމަވެސް މިހާރުގެ ރޭޓަކީ 2.70 ރުފިޔާ އެވެ. 201-300 ޔުނިޓާ ދެމެދު މީގެ ކުރިން ޔުނިޓަކަށް ނަގަމުން އައީ 2.50 ރުފިޔާ އެވެ. ނަމަވެސް މިހާރުގެ އަގަކީ 2.35 ރުފިޔާ އެވެ. 101-200 ޔުނިޓާ ދެމެދު މީގެކުރިން ނަގަމުން އައީ 2.50 ރުފިޔާ އެވެ. ނަމަވެސް މިހާރުގެ އަގަކީ 2.20 ރުފިޔާ އެވެ. 0-100 ޔުނިޓަށް މީގެކުރިން ނަގަމުން އައި އަގަކީ 2.25 ރުފިޔާ އެވެ. ނަމަވެސް މިހާރުގެ އަގަކީ 2.10 ރުފިޔާ އެވެ.
އެންސްޕާ އިން ބުނި ގޮތުގައި މަހެއްގެ މައްޗަށް ބޭނުންކުރާ ކަރަންޓުގެ މިންވަރު 400 ޔުނިޓަށް ވުރެ ބޮޑު ވާނަމަ، ބިލްތަކަށް މިހާރަށް ވުރެ އިތުރަށް އަރާނީ ގާތްގަނޑަކަށް 80-135 ރުފިޔާ އެވެ.
ފެނަކަ އަށް ބަލާލާ އިރު، ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށްތަކުގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރެވޭނީ އެއް ރޭޓެއްގަ އެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށްވުރެ އިތުރު ނުވާނަމަ، ބިލަށް އިތުރުވެގެން ދާނީ ގާތްގަނޑަކަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑީސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާ އަށްވުރެ އިތުރު ނުވާނަމަ، 400 ޔުނިޓަށްވުރެ ދަށުން ކަރަންޓް ބޭނުންކުރައްވާ ފަރާތްތަކަށް ފިއުލް ސާޗާޖް ދައްކާކަށް ނުޖެހޭނެ އެވެ. ކަރަންޓް ބޭނުންކުރާ މިންވަރު 500 ނުވަތަ 600 ޔނިޓް ނަމަ ބިލަށް އިތުރު ވެގެންދާނީ 192.50 ރުފިޔާ އާއި 260.00 ރުފިޔާއާ ދެމެދުގެ އިތުރު ވުމެކެވެ.
ފެނަކަ އިން 0-100 ޔުނިޓާ ދެމެދަށް ނަގާނީ ޔުނިޓަކަށް 3.00 ރުފިޔާ އެވެ. 101-200 ޔުނިޓާ ދެމެދު 3.30 ރުފިޔާ ޔުނިޓަކަށް ނަގާއިރު 201-300 ޔުނިޓާ ދެމެދު ޔުނިޓަކަށް ނަގާނީ ނަގާނީ 3.40 ރުފިޔާ އެވެ. އަދި 301-400 ޔުނިޓާ ދެމެދު ޔުނިޓަކަށް 3.50 ރުފިޔާ ނަގާ އިރު 400 ޔުނިޓަށްވުރެ މަތިން ބޭނުންކުރާ ނަމަ ނަގާނީ ޔުނިޓަކަށް 5.50 ރުފިޔާ އެވެ.
އަލަށް ގެނައި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާނަމަ ސްޓެލްކޯ އިން ޔުނިޓަކަށް ނަގާ ވަރު ހެޔޮ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ