ސަރުކާރަށް ތާއީދު ނުކުރާތީ އަނެއްކާވެސް ހިތަދޫ ޕޯޓްސް ލިމިޓެޑުން މީހަކު ވަޒީފާއިން ވަކިކޮށްފި

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ތާއީދު ނުކުރާތީ ހިތަދޫ ޕޯޓްސް ލިމިޓެޑުން އަނެއްކާވެސް މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އަލީ ޝުއައިބު މުހައްމަދު ކިޔާ މީހެކެވެ. އޭނާއަކީ އެ ކުންފުނީގެ އެސިސްޓެންޓް ކްލިއަރެންސް އެސޯސިއޭޓުގެ މަގާމުގައި ހުރި މީހެކެވެ.
އެ ކުންފުނީގެ ވަޒީފާއިން އޭނާ ވަކިކުރިކަން އަންގައި ޝުއައިބުއަށް ފޮނުވާފައިވާ ޗިޓުގައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށް ޖަހާފައި ވަނީ މާދަމާގެ ތާރީހެވެ. ޝުއައިބުއަކީ އެ ކުންފުނީގެ ވަޒީފާގައި ފާއިތުވި ތިން އަހަރު ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފެކެވެ.
ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ވަޒީފާއިން ޝުއައިބު ވަކިކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވީ އެ މީހެއްގެ ސިޔާސީ ފިކުރުގެ ސަބަބުން ނުވަތަ ސިޔާސީ ގޮތުން ތާއީދުކުރާ ބައެއްގެ ސަބަބުން ނުވަތަ އެ މީހެއްގެ އެފަދަ ޒާތީ ނިންމުންތަކުގެ ސަބަބުން ދިރިއުޅުން ހަލާކުވެދާނެކަމުގެ ބިރު އެއްވެސް މީހަކަށް ހީވެގެން ނުވާނެ ކަމަށެވެ.
"ބައެއްގެ ސިޔާސީ ފިކުރާ ގުޅުވައި ނުވަތަ ސިޔާސީ ގޮތުން ތާއީދުކުރާ ބައެއްގެ ސަބަބުން އެ މީހުންނަށް އަދަބުދޭ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް ނޫނެވެ. އެހެނެއްކަމަކު އެ ސަރުކާރުން އެ ހިދުމަތް ކުރަނީ އެ ސަރުކާރުގެ މަންފާއަށެވެ،" ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރެސީ ފަހަތަށް ސޮއްސާލައިގެންދާ ދިޔުމަކީ އެންމެން ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މި ފަހަކަށް އައިސް ޕީއެންސީ ނޫން ސިޔާސީ ފިކުރުތަކަށް ތާއީދުކުރާ މީހުންނަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ވަޒީފާގެ ބިރުދައްކަމުންނެވެ. އެގޮތުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ސަސްޕެންޑުކުރުމުގެ އިތުރުން ދަނީ ވަޒީފާއިން ވެސް ވަކިކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ