މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ރައްޔޮތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ ކައުންސިލުގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ހުސެއިން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަގާމުތަކާއި އިސްމަގާމުތައް އަދާކުރައްވައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.
އޭނާ ވަނީ މީޑިއާގެ ދާއިރާއާއި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރުކަން، ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމު އަދާކުރައްވާފައިވާއިރު، އަދި ޓީވީއެމްގެ އިސްވެރިކަން ނުވަތަ ޑިރެކްޓާ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެއަޑުގެ ބޭރުގެ ހަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކަށް ކުރެއްވިއެވެ.
ހުސެއިން މުހައްމަދަކީ، ބީބީސީގެ ހަބަރު އެންމެ އަވަހަށް ދިވެހިބަހަށް ތަރުޖަމާކުރެއްވި ފަރާތެކެވެ އެގޮތުން 30 ސިކުންތުން ހަބަރެއް ތަރުޖަމާކުރައްވައެވެ. އޭނާ ވަނީ އާފަތިސް ނޫހުގައި ބޭރުގެ ހަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން 2000ގެ އަހަރުތަކަށް ކުރެއްވާފައެވެ. “ބޭރުދުނިޔެއިން ކުޅިވަރު" އެއީ ހުސައިން، މުޅިން އަލަށް ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި ސޮފުހާއެކެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ އިލްމީ ތަޖުރިބާއަށްފަހު، ހުސެއިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005ގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އަހަރަށް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ