އެމްއެމްޕީއާރްސީގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިފައެއް ނުވޭ: ޑީޑީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑީޑީ މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ރާއްޖެއެމްވީ ނޫހުގައި ލިޔެފައިވާ ހަބަރާއި ގުޅިގެންނެވެ.
އެގޮތުން އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅަކާ ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ ޚިޔާނާތުގެ ފައިސާ، ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި ކުރީގެ އުއްތަމަ ފަނޑިޔާރަކަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަބަރުގައި ފައިސާ ލިބުނު އުއްތަމަ ފަނޑިޔާރުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހަބަރާއި ގުޅިގެން ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި ދައުވާކުރަން ފޮނުވާއިރު ވަކި ޕާޓީއެއްގެ މީހަކަށް ނުވަތަ އެއީ ކިހާ ނުފޫޒުގަދަ މީހެއްތޯ ނުބަލާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.
ދައުވާކުރަން ފޮނުވާ މީހުންގެ މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް އައްސަދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އެގޮތުން އައްސަދު ވަނީ އެ ފަރާތްތަކުގެ ނަންތައް ކޯޓަށް ފޮނުވާ ހިސާބުން ހާމަވާނެ ކަމަށް ވިދާޅުވެފައެވެ.
އިތުރު ފަސް މީހެއްގެ މައްސަލަ ކޯޓަށް ފޮނުވަން ތައްޔާރުވަމުންދާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހަތް ބޭފުޅަކު މި ސަރުކާރުގެ ތެރޭގައި ވެސް އެބަ ތިއްބެވި ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ