ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 2 ބޭފުޅަކު އައްޔަންކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުހައްމަދު އިބްރާހީމެވެ.
މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިން އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޒީ ކަމުގެ މަގާމެވެ. މީގެ އިތުރަށް ސިވިލް ކޯޓުގެ އިސް ޤާޒީކަމާއި، ޤާޒީކަމުގެ މަގާމާއި، ޑްރަގު ކޯޓުގެ ޤާޒީކަންވެސް އަދާކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ޑޮކްޓަރ މުހައްމަދު އިބްރާހީމް، އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަރޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.
އެ މަނިކުފާނަކީ ޕްރިމިއަރ ޗެމްބާރސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ