ޕީޕީއެމްގެ މެމްބަރު ކަމުން ވަހީދު ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމައިފި

ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އިއްޔެ ނިންމައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ ވަހީދު ވަކިކުރަން ނިންމީ، ސުލޫކީ ކޮމެޓީން ބުނި ގޮތުގައި، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ އެވެ.
ކޮމެޓީން ބުނީ އެ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން ވަހީދު ވަކިކުރަން ނިންމީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. ކޮމެޓީ އަށް ޖަވާބުދާރީވުމަށް މިދިޔަ ބުދަދުވަހު ވަހީދު ވަޑައިގަތުމަށް ސިޓީ ފޮނުވި ނަމަވެސް އޭނާ އެއަށް އިޖާބަ ނުދެއްވި ކަމަށް ކޮމެޓީން ބުންޏެވެ.
ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީން އެ ގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ނެރޭ ވިޕްލައިންތަކާ ޚިލާފަށް ވޯޓު ދެއްވުމާއި ސަރުކާރު ބަދުނާމް ކުރަން މަސައްކަތް ކުރައްވާތީ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އިސްކޮށް މަސައްކަތް ކުރެއްވުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން ތަފާތު އެކިއެކި ހަރަކާތްތައް ހިންގަމުން ދާތީ ޕާޓީން ވަކި ކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމުން މެމްބަރު ވަހީދު ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ނިންމުމާ މެދު، ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ، އިސްތިއުނާފް ކުރުމުގެ ހައްގު އޭނާ އަށް ލިބިވަޑައިގަންނަވާނެ އެވެ.
"މިހާތަނަށް ކަންކަން ހިނގާފައި އޮތް ގޮތަށް ބަލާފައި ވަހީދު ވަކިކުރީ، ސަރުކާރާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، ތަފާތު އިލްޒާމްތައް އަޅުވާތީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ލިބިދޭ ބާރުތަކުގެ ތެރޭގައި އެ ކޮމެޓީން މެމްބަރުންނަށް ނަސޭހަތްތެރިވުމާއި އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ނިންމި ގޮތާ މެދު މެމްބަރަކު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފް ކޮމެޓީއަށް މައްސަލަ ހުށަހެޅޭނެ އެވެ.
ޕީޕީއެމުން ވަހީދު ވަކިކުރަން ނިންމިއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިލާފުވި މައްސަލާގައި އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އެމްޑީއޭ އިން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެމްޑީއޭ އިން އަރީފް ވަކިކުރީ އެ ޕާޓީގެ ވިސްނުމާ ހިލާފަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ