2018 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އަޅުގަނޑު: މޫސަ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށް، އެ ޕާޓީން މިހާރު ވަކިކޮށްފައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި، މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރީ 2018 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. އަދި އެމްޑީޕީން ކުރިން ވަކާލާތު ކުރަމުން ގެންދިޔަ ބައެއް ކަންކަން ދިފާއު ކުރެއްވުމުގެ ގޮތުން މަޖިލީހުގައި ވޯޓު ދެއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މޫސަ އިޝާރާތް އެ ކުރެއްވީ ސުޕްރީމް ކޯޓު ބެންޗްގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް އެމްޑީޕީން ކުރިން ކުރި މަސައްކަތަށެވެ. ނަމަވެސް ވެރިކަންކުރާ ޕީޕީއެމް އިން ބޭނުންވި ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު ފަސް މެމްބަރުންނަށް މަދުކުރަން މިދިޔަ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރަން މޫސަ ވޯޓު ދެއްވީ އެމްޑީޕީން ފަހުން ނިންމި ގޮތާ ހިލާފަށެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވުމުގެ އިތުރުން، އެހެން ވޯޓުތަކުގައި ވެސް އެމްޑީޕީގެ ވިޕްލައިނާ އެތައް ފަހަރަކު މޫސަ ވަނީ ހިލާފުވެވަޑައިގެންފަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން، މޫސަ ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ކޮންމެ ބޭފުޅަކު ޕާޓީ ދޫކުރައްވައި ގޮސްފައިވާ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކީ އާއިލާއަކަށް ބައްޓަންވާ އެއްޗަކަށް ވެއްޖިއްޔާ ދާނީ ހުދުމުޚްތާރު ވެރިކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ކުރީގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ހުންނެވުމުން އެކަމަށް ވެސް މޫސަ ފާޑު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް، އިމްރާން ކުރީ ސަފުގައި ބަހައްޓައިގެން 2018 އަށް ދެން ކުރެވޭނީ ކޮން ކަމެއްތޯ؟ ދޭނީ ލަނޑު،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަން ފުނޑުފުނޑުވެގެން ދިޔައީ އިމްރާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަބަބުން ކަމަށާއި އެހެންވެ، އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މީހުން ގޮވައިގެން ނުކުމެގެން އެމްޑީޕީ އަށް މުސްތަގުބަލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ