މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ކުރިންވެސް ތުހުމަތުކުރި މައްސަލައާއި ގުޅިގެން ތަހްގީގަށް ބޭނުންވާ ފޮޓޯއާއި އޯޑިއޯ ސާންޕަލް ނެގުމަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް 1 ގަޑިއިރާއި 45 މިނެޓް ވަނީ ފުލުހުންގެ އިދާރާގައި ހޭދަކުރައްވާފައެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަަވަމުން ގާސިމް ވިދާޅުވީ މިއަދުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭވެސް ހާޒިރުކުރި މައްސަލައާއި ގުޅިގެންކަަމަށެވެ. ފުލުހުން ތަހުގީގު ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ގާސިމް އިބްރާހިމް ރިޝްވަތު ދެއްވަން އުޅުނުކަމުގެ ތުހުމަތާއި ގުޅޭ މައްސަލައެކެވެ.
ގާސިމް ވިދާޅުވީ މިއަދު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ މައްސަަލައާއި ގުޅިގެން ތަހްގީގަށް ބޭނުންވާ ފޮޓޯއާއި އޯޑިއޯ ސާންޕަލް ނެގުމަށްކަމަށެވެ. އަދި ފުލުހުން އެދިވަޑައިގެން ގޮތަށް އެމަނިކުފާނު ތަހްގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިއަދުވެސް ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކާއިމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކިލަނބުކަމެއް ނެތްކަމަށާ ފުލުހުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރައްވާނެކަމަށެވެ. އަދި ފުލުުހުންގެ ޕްރޮފެޝަނަލްކަމާއިމެދު އެމަނިކުފާނު އުފާކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ގައުމު ހަމަމަގަށް އަޅުވާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށާ އެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށެވެ. އަދި ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ހަތަރު ލީޑަރުން ގުޅިގެން ފެއްޓެވި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އެހެންކަމުން އެ މަަސައްކަތް ހުއްޓާނުލާނެކަމަށާ ރާއްޖޭގައި އޮތް އަނިޔާވެރިކަން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި މަސައްކަތުގައި އަޅުގަނޑުމެން ސާބިތުވެ ދެމިތިބޭނަން. އަނިޔާވެރިކަން ޖެހޭނީ މިބިމުން ފިލައިގެންދާން. އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށްވާނެ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި މިއަދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީއާއި، ތުލުސްދޫ ދާއިރާގެ މެންަބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ގާނޫނީ ވަކީލު ހިސާން ހުސައިންގެ އިތުރަށް ބައެއް އެހެން ގާނޫނީ ވަކީލުންވެސް ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެންފައެވެ.
އަދި ގާސިމް އިބްރާހިމަށް ހިތްވަރު ދެއްވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ގިނަ އަދަދެއްގެ އާންމުންވެސް ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ.
އެތަނަށް އެއްވެފައިވާ މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ޕެޕާ ސްޕްރޭވެސް ޖަހާފައިވާއިރު، އާންމުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު ފުލުހަށް ހާޒިރުކުރީ ފޮޓޯއާއި އޯޑިއޯ ސާމްޕަލް ނެގުމަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ