ދީނީ އިލްމު ފޯރުކޮށްދިނުމަށް ސޫދާންގެ ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައީސް ރާއްޖެ ވަޑައިގެންފި

ސޫދާންގެ އާއްމު ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައީސް، ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. ސޫދާންގެ އާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން ސޫދާންގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ކަމާއި ސޫދާންގެ މުޖުތަމައު ހާތަމުލް މުރުސަލީން މިސްކިތުގެ އިމާމު ކަމާއި ހަތީބު ކަންވެސް ކުރައްވަމުން ގެންދަވާ ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމް ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމު ރާއްޖެ ގެންނެވުމުގެ މަގްސަދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށާއި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި ދީނީ ލެކްޗަރާތަކެއް ދިނުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުން ކަމަށެވެ. އެގޮތުން، ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމުގެ ދަތުރުފުޅުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނާ ބައްދަލުކުރައްވާނެއެވެ. ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ އަރިހަށް ވެސް ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމު ވަނީ އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވާފައެވެ. ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ