އެކި ވައްތަރުގެ ޓެކްސްތައް ތައާރަފްކޮށް ޓެކްސަށް ނަގާ މިންވަރު އިތުރުކުރުމުން ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ދާން ފަށާފައިވާ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ޓެކްސްތަކަށް ގެނައި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އޮކިއުޕެންސީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށެވެ. އެހެންވެ ޓެކްސް އިން ލިބޭ އާމްދަނީން ރައްޔިތުންނަށް ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލަންޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހުރިހާ ދިމާއަކުން ވެސް މި ފެންނަނީ ޕްރޮޑަކްޝަން ކޮސްޓް މައްޗަށް ދާތަން. އަންނަ ގެސްޓުން އަތުން އެކި ނަންނަމުގައި ޓެކްސް ނެގޭ މަންޒަރު،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީޝެލްސް އާއި މޮރިޝަސް ފަދަ ޖަޒީރާ ގައުމުތައް ވެސް ބަނގްރޫޓުވެގެން ދިޔައީ ބަލާލުމެއް ނެތި ޓެކްސް އިތުރުކުރުމުގެ ސަބަބުން ކަމަށާއި އެ ގައުމުތައް ހަމައަކަށް އެޅުނީ ޓެކްސްތައް ދަށްކޮށްގެން ކަމަށެވެ.
"އެ ހުރިހާ ޓެކްސްތަކާ އެއްޗެހި ދަށްކޮށް ކެނޑުމަށް ފަހު ރައްޔިތުންގެ ތެރެއިން އެތައް ބައެއް، އެތައް ކުންފުނިތަކުން ބެންކްރަޕްޓްވެގެން ދިއުމަށް ފަހު މިހާރު މަޑުމަޑުން އެ ޓެކްސްތައް ދަށްކޮށްގެން އެތާނގެ ވިޔަފާރިތައް ކުރިއަށް ދަނީ،" ގާސިމް ވިދާޅުވި އެވެ
އެ ތަޖުރިބާ ހާސިލްކުރަން ރާއްޖެ އިން ވެސް ބޭނުން ވަނީތޯ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ ސުވާލުކުރެއްވި އެވެ. ޓެކްސްތައް އިތުރުކުރުން ހުއްޓާލަންވީ ކިހާ ހިސާބަކުންތޯ ވިސްނާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެކްސްގެ އިތުރުން ގާސިމް ވަނީ އަސާސީ ބައެއް ކަންކަން ބަޖެޓުގައި ހިމަނާފައި ނުވާތީ ވެސް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ކޮންމެ ރަށެއްގައި މަދުވެގެން އެއް ޕްރީ ސްކޫލް އުފެއްދުމަކީ ގާނޫނުން ސަރުކާރަށް ލާޒިމްކުރާ ކަމަކަށްވާ އިރު އެކަމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިހާރު ޕްރީ ސްކޫލް ނެތް ރަށްރަށުގައި 200 މިލިއަނެއްހާ ރުފިޔާ އިން އެ ތަންތަން ގާއިމުކުރެވިދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައުލީމަށް ދޫކުރާ ލޯނުތަކާއި ސްކޮލަޝިޕްތަކުގެ ތެރޭގައި ޕީއެޗްޑީ ހިމެނިފައި ނުވާ ކަމަށެވެ. ތައުލީމީ ފެންވަރު ރަނގަޅުކުރުމުގެ ވާހަކަ ދައްކާއިރު ޕީއެޗްޑީ ހިމެނިފައި ނުވަތީ ކީއްވެތޯ ވެސް ގާސިމް ސުވާލުކުރެއްވި އެވެ.
ޖޭޕީގެ ލީޑަރު ވިދާޅުވީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ވުމަކީ އެ ޕާޓީން އަބަދު ވެސް ބޭނުންވާ ގޮތް ކަމަށާއި އެ ކަމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށެވެ. އެ ޕާޓީން މިއަދު ވަނީ ބަޖެޓަށް 10 އިސްލާހެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ އިސްލާހުތަކަކީ ކޮމިޓީ މަރުހަލާގައި ވެސް އެ ޕާޓީގެ މެންބަރުން ހުށަހެޅުއްވި ނަމަވެސް ފާސްވެފައި ނުވާ އިސްލާހުތަކެވެ.
ޓެކްސް އިތުރުކުރުމުން އޮކިއުޕެންސީ ވަނީ ދަށަށް ގޮސްފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ