ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އުމަރާ މެދު ފިޔަވަޅު އަޅާނަން: ގާޒީ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާއާ ގުޅިގެން، ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމަށް ކޯޓަށް ހާޒިރުވެ ވަޑައިނުގެންފި ނަމަ ގަވާއިދުން އުމަރާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފި އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލްވެފައި ވާއިރު އޭގެ ކުރިން ބާއްވަން އޮތް އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޝަރީއަތް ކެންސަލްކުރަން ޖެހެނީ އުމަރު ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.
މިއަދުގެ އަޑުއެހުމަށް ވެސް އުމަރު ހާޒިރުވެ ވަޑައިނުގަތުމުން އުމަރުގެ ވަކީލްގެ ކިބައިން އެކަން ސާފުކުރުމަށް ކޯޓުގައި ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެ އަޑުއެހުމަށް ހާޒިރުވެ ވަޑައިނުގެންފި ނަމަ އުމަރާ މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުން އޮންނަ އަދަބު އެނގޭނެ ކަމަށާއި ނަމަވެސް އެކަން ކުރަން ކޯޓަށް މަޖުބޫރު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިނިސްޓަރަކު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރުމަށް،" ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ގާޒީ އަބްދުﷲ ވިދާޅުވީ އުމަރު ހުންނެވީ ދަތުރުފުޅެއްގައިކަން އަންގާ ކޮންމެ ފަހަރަކު ވެސް ހޯމް މިނިސްޓްރީން ސިޓީ ފޮނުވަނީ ޝަރީއަތް ބާއްވާ ދުވަހު ކަމަށެވެ. ނަމަވެސް ކޮންމެ ދަތުރަށް ފުރާވަޑައިގަންނަވަން ޖެހޭނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށްފަހު ކަމަށް ގަބޫލު ނުކުރައްވާ ގާޒީ ވިދާޅުވި އެވެ. އަދި މިއަދަށް އަޑުއެހުން ތާވަލްކުރީ މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އުމަރު މާލޭގައި ހުންނަވާނެ ކަމަށް ހޯމް މިނިސްޓްރީން އެންގުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"މިހާރު މިއަދުގެ ވަގުތުން އެއް ގަޑިއިރު ބޭކާރު ވެގެން މި ދިޔައީ، ކުރިން ދުވަހު ވެސް އެއް ގަޑިއިރު ބޭކާރު ވެގެން ދިޔައީ،" ގާޒީ ވިދާޅުވި އެވެ.
ގާޒީ އަބްދުﷲ ވިދާޅުވި ގޮތުގައި އެގޮތަށް އަމަލުކުރުމަކީ ކޯޓަށް ދަތިކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އުމަރު ރާއްޖޭގައި ނުހުންނަވާނެ ކަމަށް ހޯމް މިނިސްޓްރީން އެންގި ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ތާވަލްކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ އަޑުއެހުމަށް ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެކަން އަޑުއެހުން ނިންމާލަމުން ވެސް އުމަރުގެ ވަކީލަށް ގާޒީ ހަނދުމަފުޅުކޮށް އެރުވި އެވެ.
ގާޒީގެ އެ ވާހަކަތަކާ ގުޅިގެން އުމަރުގެ ވަކީލް އާދަމް އާސިފް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އުމަރު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ނެދަލޭންޑްސްގަ އެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ރާއްޖޭގެ އަމަން ކަމަށް ގެއްލުމެއް ލިބިދާނެފަދަ ވާހަކަ އުމަރު ދެއްކެވި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާއަށް އުމަރު އިންކާރު ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ