އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ގާސިމް ކޯޓަށް ވަޑައިގަންނަވަނީ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ގާސިމާއި އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ދެއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ އިންތިހާބުގައި ބައިވަރު މައްސަލަތައް ހުރި ކަމަށާއި އިލެކްޝަން ކޮމިޝަނުން ކަންތައްތައް ކުރި ގޮތުން އެ ކޮމިޝަނާ މެދު އިތުބާރު ވެސް ނެތް ކަމަށެވެ.އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ސަބަބުތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓުލާފައިވުމާއި މީހުންނަށް ނޭނގި ވޯޓު ރަޖިސްޓްރީކޮށްފައި އޮތުމާއި އެއް ނަތީޖާ ޝީޓެއްގެ މައުލޫމާތު އެކި މީޑިއާތަކުން ތަފާތު ގޮތްގޮތަށް ގެނެސްދިނުމާއި އޮޅުވާލުމާއި މަކަރު ހެދުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓު ގުނުމުގެ މައްސަލަތައް ވެސް އުޅޭ ކަމަށް ގާސިމް ވިދާޅުވި އެވެ."އެހެންވެ މި ކަންތައްތައް ކޯޓު މަރުހަލާ އަށް ގެންދިއުމަށް މިދަނީ ތައްޔާރުވަމުން،" އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ރެންކިންއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވި އެވެ.އިންތިހާބުގައި ހުރި މައްސަލަތައް އިނގިރޭސި ސަފީރާ ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.ގާސިމްގެ ރަނިން މޭޓް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ވިދާޅުވީ ބައެއް މީހުންގެ ނަމުގައި އެހެން މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި 18 އަހަރު ނުފުރޭ މީހުންގެ ނަން ވޯޓު ލިސްޓްގައި ހުރި ކަމަށާއި ވޯޓުލީ މީހުންގެ ނަތީޖާ އާއި ވޯޓުލީ މީހުންގެ ޝީޓާ ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.އެ މައުލޫމާތުތައް ހޯދުމަށް އިލެކްޝަން ކޮމިޝަންގައި އެދިފައިވާ ކަމަށާއި ނަމަވެސް އަދި އެ މައުލޫމާތު ނުލިބޭ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.އިންތިހާބާ ބެހޭ ގޮތުން ކޯޓަށް ހުށަހަޅާނީ އިންތިހާބުގެ ނަތީޖާ ބާތިލުކޮށް ދިނުމަށްތޯ "ހަވީރު"ން ސުވާލުކުރުމުން ޑރ. ހަސަން ވިދާޅުވީ އެކަން ނިންމާނީ މިރޭގައި ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅޭ ގޮތުން ހުރި މައްސަލަތައް ދިރާސާކޮށް މާދަމާ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.މި އިންތިހާބު ކުރިއަށް ދިޔަ ގޮތާމެދު ހުރިހާ ފަރާތެއްގެ ހިތްހަމަޖެހުން އޮތުން މުހިންމު ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ. މައްސަލަތައް އޮތް ނަމަ މިހާރުން މިހާރަށް އެކަން ނުބަލައި ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ މީހުންގެ ހިތުގައި އުފެދޭ ޝައްކުތައް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ."މުޅި މި ޕްރޮސަސްގެ ކްރެޑިބިލިޓީ އުފެދޭނީ މިފަދަ މައްސަލަތައް ބަލައިގެން،" ޑރ. ހަސަން ވިދާޅުވި އެވެ.ވޯޓުލި ދުވަހު އިލެކްޝަންސް ކޮމިޝަނަށް އިންތިހާބާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުއްވި ކަމަށާއި ވޯޓު ލުމުގެ ވަގުތު އިތުރުކޮށް ދިނުމަށް ހުށަހެޅުއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. ވޯޓު ދިނުމުގެ ވަގުތު އިތުރުކޮށް ދިނުމަށް ހުށަހެޅުއްވީ އެ ދުވަހުގެ މެންދުރުވި އިރު ވޯޓުލާފައިވަނީ 58 ޕަސެންޓް މީހުންނަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.ގާސިމް ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނީ އޭނާ އަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް 95،000 ވޯޓު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.އެހެން ޕާޓީއަކާ އެކު ކޯލިޝަން ހައްދަވާނަންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަވާނީ ފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ