އެމްޑީޕީގެ އިސް ސަފުގައި ތިބީ ކަމުނުދާ ބައެއް: ގާސިމް

އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވީ "ކަމުނުދާ" ބައެއް ކަމަށާއި އެ ޕާޓީއާ އެކު މަސައްކަތް ނުކުރެއްވުނީ ލީޑަޝިޕްގައި ތިބި މަދުބައެއްގެ "ނުބައިކަމުން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ޒުވާނުންތަކެއް ޖޫމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް މިރޭ އެ ޕާޓީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ އުފެއްދުމުގައި އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ތައްޔާރުކުރީ ވެސް އޭނާ އަމިއްލައަށް ހަރަދު ކުރައްވައިގެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވީ އެމްޑީޕީ އުފެއްދުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިއެއް ކަމަކު އެ ޕާޓީގައި ހުންނަވައިގެން އޭނާ ބޭނުންވާ ގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެކަން އެނގިވަޑައިގެންނެވި ކަމަށެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެމްޑީޕީއާ ދުރަށް ވަޑައިގަތީ ބަޔަކާ "އަރާރުންވާން" ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް 2008 ގެ ރިޔާސީ އިންތިހާބުގައި އަލުން އެމްޑީޕީއަށް ތާއީދުކޮށް ކެމްޕޭނު ކުރެއްވީ އެ ޕާޓީން ރާއްޖޭގައި ހަގީގީ މިނިވަންކަން ގާއިމުކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ބައްލަވައިގެން ކަމަށެވެ.
"ދިވެހިރާއްޖޭގެ ހަގީގީ މިނިވަންކަން ބިންގާ އެޅުމުގެ ފުރުސަތު އެމްޑީޕީ އަށް ލިބުނަސް އެކަން ދިޔައީ ވަރަށް ހިތިކޮށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ހަގީގީ މިނިވަންކަން ލިބި ޒަމާނީ އުސޫލުތައް ގާއިމުވުމަށް ފުރުސަތު ލިބުނީ 2008ގެ ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް ލިބުނު ފުރުސަތުގައި ދިވެހިން ދެކެން ޖެހުނީ ވަރަށް ހިތި ދުވަސްތަކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޑުމަޑުން ތިިބީ ގާނޫނު އަސާސީއާ ގާނޫނާ އެއްގޮތަށް މަސައްކަތްކުރޭތޯ" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މެމްބަރުންގެ ނިސްބަތުން ބަލާއިރު މާބޮޑު ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ރުހުމަށް ބަލާއިރު އެ ޕާޓީއަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.
ގާސިމް ކުރިން ވިދާޅުވެފައި ވަނީ 2008ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ނިކުތް އިރު ޕާޓީގައި 14،000 މެމްބަރުން ތިބި ކަމަށެވެ. ނަމަވެސް އެމްޑީޕީއާ ގުޅުމުން 5،000އާ ގާތްކުރާ އަދަދަކަށް މެމްބަޝިޕް ދަށްވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހުރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލް މުހަންމަދު އިމްތިޔާޒް )އިންތި( ވިދާޅުވީ އެ ޕާޓީއަށް ގުޅޭ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ދުވާލަކު އެވްރެޖް ގޮތެއްގައި، ރާއްޖޭގެ އެކި ހިސާބުތަކުން 500 ފޯމު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ