ޖައުސާ އަށް 12 މިލިއަނަށް ވުރެ ރުފިޔާ ދިނުމަށް ނަމިރާގެ މައްޗަށް ކޯޓުން ހުކުމްކޮށްފި
ސިފައިންގެ އާ އިމާރާތުގެ ކަރަންޓާއި ކޮމިއުނިކޭޝަންގެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރި ނަމިރާ އިންޖިނިއަރިން އިން މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖައުސާ ކޮންސްޓްރަކްޝަން އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ކުރީގެ އެގްޒެކެޓިވް ނާއިބު ރައީސް އަދި މިހާރު ޕީޕީއެމްގެ މެންބަރު ޖައުފަރު އީސާ އާދަމް ހިއްސާވާ ޖައުސާ އިން މި މައްސަލާގައި ދައުވާކޮށްފައި ވަނީ ޖައުފަރު ޕީއޭގައި އުޅުއްވި އިރު އެވެ. ނަމިރާ އަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ޕީއޭގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު ނާޒިމްގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ.ހުކުމުުގައި ބުނެފައި ވަނީ ސިފައިންގެ ނުވަ ބުރީގެ އިމާރާތުގެ ކަރަންޓާއި ކޮމިއުނިކޭޝަން މަސައްކަތް އަމިއްލަ ހަރަދުގައި ކުރުމަށް ނަމިރާއާ ހަވާލުކުރުމުން މުއްދަތަށް މަސައްކަތް ނިމިފައި ނުވާ ކަމަށެވެ. މަސައްކަތް ދުވަހަށް ނުނިމުނީ މަސައްކަތް ހަވާލުކުރި ފަރާތުން ކޮށްދޭންޖެހޭ ބައެއް ކަންތައް ފަހިކޮށްދީފައި ނުވާތީ ކަމަށް ނަމިރާ އިން ބުނި ނަމަވެސް އެކަން ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މަސައްކަތް ހަވާލުކުރުމަށް ގާއިމުކުރި އެއްބަސްވުމަށް ފަހުން ބަދަލުގެނެސްފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމުގެ މުއްދަތަށް ބަދަލު އަންނާނެ ކަމަށް ނަމިރާ އިން ބުނި ނަމަވެސް އެކަން އެގޮތަށް ވާންޖެހޭ ސަބަބެއް ނަމިރާ އަށް ކޯޓުގައި ދެއްކިފައި ނުވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.ޖައުސާގެ ދައުވާއާ ވިއްދައި ނަމިރާ އިން ވަނީ، ނަމިރާ އިން ފުރިހަމަކުރި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެ ދައުވާ ކޮށްފަ އެވެ. ނަމަވެސް އެއްބަސްވެފައި ވަނީ މަސައްކަތް ނިމެމުންދާ ވަރަކުން، އެ މަސައްކަތަކަށް އިންވޮއިސް ކުރުމުން ފައިސާ ދޭގޮތަށް ކަމަށް ވެފައި ނަމިރާގެ އިންވޮއިސް އަކަށް ޖައުސާ އިން ފައިސާ ނުދައްކާ އޮތްކަމެއް ވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ. އެހެންވެ ކަނޑައަޅާފައި ވަނީ ޖައުސާ އިން ނަމިރާ އަށް ދޭންޖެހޭ ފައިސާއެއް ނެތް ކަމަށެވެ.ހުކުމުގައިވާ ގޮތުން، މަސައްކަތް މުއްދަތަށް ނުނިމި އިތުރުވާ ކޮންމެ ދުވަހަކަށް، އެއްބަސްވުމުގެ އަގުގެ 0.1 ޕަސެންޓް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި، ނަމިރާ އިން ދައްކަން ޖެހެ އެވެ. މި ރޭޓުން ބަލާއިރު ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނަމިރާ އިން 8،332،054.22ރ. ޖައުސާ އަށް ދޭންޖެހެ އެވެ. އަދި ނަމިރާގެ އަމިއްލަ ހަރަދުގައި މަސައްކަތް ކުރުމަށް އެއްބަސްވުމުގައި އޮތަސް ޖައުސާ އިން 3،802،771.32ރ. ނަމިރާގެ މަސައްކަތަށް ހަރަދުކޮށްފައިވާކަން ދެ ފަރާތުގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގެން އޮތަތީ މި ފައިސާ ވެސް ނަމިރާ އިން ޖައުސާ އަށް ދިނުމަށް ހުކުމުގައި އަމުރުކޮށްފައިވެ އެވެ. އަދި މަސައްކަތާ ގުޅިގެން ނަމިރާ އާއި ޖައުސާއާ ދެމެދު ދެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެކަމުގެ އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންޝަލް ޗާޖަސް އަށްވާ 950،692.37ރ. ވެސް ނަމިރާ އިން ދައްކަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.ނަމިރާ އިން ޖައުސާ އަށް ދޭންޖެހޭ ޖުމުލަ ފައިސާގެ އަދަދު 13،085،518.37ރ. އަށް އަރާއިރު މި ފައިސާ އިން، އެއްބަސްވުމުގައި ބުނާ ރިޓެންޝަން ފައިސާ އުނިކުރުމަށް ފަހު 12،779،418.96ރ. މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓް މެދުވެރިކޮށް ދައްކާ ނިންމުމަށް ގާޒީ މަރްޔަމް ނިހާޔަތު ވަނީ ހުކުމް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ