ބަންދުގައި ހުރި ކުރީގެ މެމްބަރު އީސަ ޓެސްޓެއް ހަދަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މިމަހުގެ އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި ބޮޑު މުޒާހަރާގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގައި ހުރި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ޓެސްޓެއް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.އީސަ އެޑްމިޓްކުރިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް  އެޑްމިޓްކުރީ ކޮން ޓެސްޓެއް ހެދުމަށް ކަމަކަށް އޮފިޝަލް ވިދާޅެއް ނުވި އެވެ. "ހަވީރަށް" އެނގިފައިވާ ގޮތުގައި އީސަ އެޑްމިޓްކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.ފުލުހުންގެ ބަންދުގައި ހުރި އީސަ އަށް އަނިޔާކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. ބޭސްފަރުވާ ވެސް ކޮށްނުދޭ ކަމަށް އެ ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.ސަރުކާރުގެ
އަނިޔާވެރިކަން ނިންމަން ކަމަށް ބުނެ މެއި އެއް ވަނަ ދުވަހު ކުރި މުޒާހަރާގައި
އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން
އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާ އެކު 193 މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ
ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އޭގެ ތެރެއިން ބައެއްއ މީހުން ވަނީ ދޫކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ