ހަށިވިއްކާ ތަންތަން ހުންނަނީ އެހިދުމަތް ހޯދާ މީހުން ތިބޭތީ: ޑރ. ޖަމްޝީދު

ރާއްޖޭގައި ހަށިވިއްކާ ތަންތަން ހުންނަކަމީ ހަގީގަތެއް ކަމަށާއި އެތަންތަން އެ ހުންނަނީ އެހިދުމަތް ހޯދާ މީހުން ތިބޭތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީއާ ގުޅުން ހުރި އެހެން އިދާރާތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް، ވެލާނާގޭ ޕްރެސް ރޫމްގައި މިއަދު ބޭއްވި ނޫސްކޮންފަރެންްސްގައި ޑރ. ޖަމްޝީދު ވިދާޅުވީ ހަށިވިއްކާ ތަންތަނުން ހިދުމަތް ހޯދާ މީހުން އަދި އެންމެހާ ދިވެހިން ވެސް އެކަމާ ވިސްނަން ޖެހޭ ކަމަށެވެ.
"މިއީ [ހަށިވިއްކާ ތަންތަން ހުރުމަކީ] ހަގީގަތެއް މީ، އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަ ހިނގަމުންދާ ކަމެއް. މިކަން ހުއްޓުވަން ސަރުކާރުގެ ދާއިރާތަކުން ވެސް ދަނީ ހަމަ މަސައްކަތް ކުރަމުން. ފުލުހުން މި އަހަރު ތެރޭގައި ވެސް ވަނީ އެތައް ތަނެއް ބަންދު ވެސްކޮށްފައި. އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ މިތަންތަން އެ ހުންނަނީ، އެ ހިނގަނީ އެހިދުމަތް ހޯދަން ބޭނުންވާ ބަޔަކު ތިބޭތީއޭ،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަންތަން ބޭނުންކުރާ މީހުންނަށް އެ ވަދެވެނީ ކިހާވަރެއްގެ ނުރައްކަލެއްގެ ތެރެއަށް ކަން އެމީހުން ވިސްނަން ޖެހޭ ކަމަށެވެ. ހަށި ވިއްކާ ތަންތަނުގެ ސަބަބުން އެއިޑްސް ފެތުރުމަށް މަގުފަހިވާ ކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން ޑރ. ޖަމްޝީދު ވިދާޅުވީ 2008 ވަނަ އަހަރު ހަށިވިއްކާ ތަނަކުން އަތުލައިގަތް އަންހެނެއްގެ ގައިން އެޗްއައިވީ އެއިޑްސް ހުރިކަން އެނގުނު ކަމަށާއި އޭނާ އޭރު ރާއްޖެ އިން ޑީޕޯޓް ކުރި ނަމަވެސް 2009 ވަނަ އަހަރު ހަމަ އެމީހާ ރާއްޖޭގެ އެހެން ހަށިވިއްކާ ތަނަކުން އަތުލައި ގަތް ކަމަށެވެ. އެޗްއައިވީ އެއިޑްސް ހުރި ބިދޭސީ އަންހެނަކު މަސްތުވާތަކެތި ސްމަގުލް ކުރަމުން އަދި ހަށި ވެސް ވިއްކަމުން ދަނިކޮށް މިއަހަރު ވެސް އަތުލައިގަތް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ހަށިވިއްކާ ތަންތަނަށް ދިއުން ފަދަ އަމަލުތަކުގެ ސަބަބުން އެއިސްޑްސް ޖެހި ދިރިއުޅުން ބަނަވެގެން ދާއިރު އެފަދަ މީހުންގެ ސަބަބުން އެހެން އެތައް ބައެއްގެ ދިރިއުޅުން ވެސް ހަލާކުވާ ކަމާ މެދު އެފަދަ މީހުން ވިސްނަން ޖެހޭ ކަމަށާއި އެއީ ހުރިހާ ދިވެހިން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
"ފަހަރުގައި ހީވެދާނެ ތިމަންނައަކަށް އެބަލި ޖެހުމުގެ ފުރަސަތެއް ނެތޭ، އެމީހަކު ކަމެއް ކުރާ ގޮތެއްގެ ސަބަބުން، އެކަމަކު އެއީ އެއްވެސް އިތުބާރެ އޮންނަ ކަމެއް ނޫން. އެހެން ވީމާ އަޅުގަނޑުމެން އެހެންވީމާ އަޅުގަނޑުމެން ދިވެހިން އެންމެން ވެސް މިއަދު މިކަމާ ވަރަށް ބޮޑަށް ހޭލަން އެބަ ޖެހޭ. މިއީ ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަން،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަށިވިއްކާ ތަންތަން ބަންދުކުރުމުގެ މައްސަލައިގައި އެކި ފަރާތަތްކުން އޭނާއާ ސުވާލުކުރާ ކަމަށާއި އެހެން ނަމަވެސް އެތަންތަންތަނަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ނޫން ކަމަށެވެ.
"ހަށިވިއްކާ ތަންތަނުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަޅުގަނޑާ ހިސާބަށް ނުވަތަ ހެލްތު މިނިސްޓްރީއާ ހަމައަށް އެބައާދޭ ސުވާލު. ކީއްވެހޭ އެތަންތަން ބަންދު ނުކުރަނީ، ހަށިވިއްކާ ތަންތަނުގެ ގޮތުގައި ފުލުހުން ގޮސް މި ބަންދުކުރާ ތަންތަނަކީ ހެލްތު މިނިސްޓްރީން ހުއްދަ ދީގެން ހިންގާ ތަންތަނެއް ނޫން،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެތަންތަން ރަޖިސްޓްރީ ކުރަން ހެލްތު މިނިސްޓްރީން އަންގާނެ ޖާގައެއް ވެސް ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިކޮނިމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އެ މައްސަލައިގާ ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުން އެނގުނު ގޮތުގައި އެތަންތަނަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ނޫން ކަމަށެވެ.
ހަށިވިއްކާ ތަންތައް ހުއްޓުވޭނެ ގޮތްތަކާ މެދު އިކޮނޮމިކް މިނިސްޓަރާ އެކު މިހާރު ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާއްމު ސިއްހަތު ރައްކާ ކުރުމާ ބެހޭ ގާނޫނު ފާސްވެ، ތަންފީޒުވުމުން، ސިއްހަތާ ގުޅުން ހުރި ތަންތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބާރު ސިއްހީ ދާއިރާ އަށް ލިބިގެންދާނެ ކަމަށެވެ.
އެޗްއައިވީ އެއިޑްސް ފެތުރޭ ފަދަ އާދަތައް ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުރިހަމަ މުސްލިމުންގެ ގޮތުގައި އުޅުމުން އެބަލި ނުޖެހޭނެ ކަމަށް ބުނާ ބުނުމާ ދެކޮޅު ހައްދަވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުރިހަމަ މުސްލިމެއްގެ ގޮތުގައި އުޅުނަސް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެޗްއައިވީ އެއިޑްސް ފެތުރުމަށް މަގުފަހިވާ އާދަތައް ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އޮތްކަން ދާދިފަހުން ކުރި ސާވޭއަކުން ވަނީ ހާމަވެފަ އެވެ. އިންޖެކްޝަން ބޭނުންކޮށްގެން ޑްރަގް ބޭނުންކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ހަށި ވިއްކުން ފަދަ އެއިޑްސް ފެތުރުމަށް މަގުފަހިވާ އާދަތައް ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އޮތްކަން އެސާވޭއިން ވަނީ ހާމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ