ނިމިގެންދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރެވުމަކީ ކުޑަ ޖިހާދެއްގެ ގޮތުގައި ސިފަކުރައްވާ ކުރިއަށް އޮތީ ބޮޑު ޖިހާދު ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ "ޝުކުރިއްޔާ ގައުމު" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބޮޑު ޖިހާދަކީ ގައުމު ތަރައްގީ ކުރުމާއި ގައުމު އިސްލާހް ކުރުން ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީނަށް ނަސްރުދީ އިސްލާމީ ހިދާޔަތުގެ ތެދު މަގުގައި ފައިތިލަކޮށްގެން ތިބުން ކަމަށެވެ.
އަދި ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އެންމެން އެއްބަނޑު އެއްބަފާ ކަމާއިއެކީގައި އެންމެން ގުޅިގެން މަސައްކަތްކޮށްގެން ގައުމަށް ހެޔޮ ގޮތް ހޯދައިދިނުމަކީ ވެސް ބޮޑު ޖިހާދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ނިމިދިޔަ ރިޔާސީ އިންތިހާބަކީ އަޅުގަނޑުމެން ވި ވަރަށް ކުޑަ ޖިހާދެއް. ދެން ތިބޭފުޅުން ބައްލަވާ. ދެން އޮތީ އެންމެ ބޮޑު ޖިހާދު، އެއީ ގައުމު ތަރައްގީކުރުން. ގައުމު އިސްލާހުކުރުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމާއި ރާއްޖޭގެ މުދަލާއި މާއްދީ ވަސީލަތްތަކާއި އެހެން ވަސީލަތްތައް ވެސް ބޭއްވުމަކީ ބޮޑު ޖިހާދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ދިވެހި ގައުމަށް ހެޔޮގޮތްތައް ހޯދައިދިނުމާއެކީ ދިވެހި ގައުމަށް ހައްގުތައް ހޯދައިދީ ކޮންމެ މީހަކީވެސް މިނިވަން މީހެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތް ޕްރޮގްރެސިވް ކޯލިޝަނުން ފަހިކޮށްދޭނެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެމަނިކުފާނަށް ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކުރުމުން ކާމިޔާބު ލިބޭކަން ހާމަވެފައިވާ ކަމަށް ވެސް މައުމޫންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ކުރިއަށް އޮތް ތާންގައި ވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ ހަމަ އިރާދަކުރެއްވިއްޔާ މާތް ﷲ އަޅުގަނޑުމެންނަށް ނަސްރު ދެއްވާނެ، ކާމިޔާބުދެއްވާނެ." މައުމޫން ވިދާޅުވި އެވެ.
ކުރިން ކޮށް ނިމުނީ ކުޑަ ޖިހާދު، ކުރިއަށް އޮތީ ބޮޑު ޖިހާދު - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ