އެއްބުރުން އިންތިހާބު ކާމިޔާބުކުރެވޭނަމަ އެކަން ކުރެވޭނީ ޖުމްހޫރީ ގުޅުމަށް - ގާސިމް

މިފަހަރުގެ ރިޔާސީ އިންތިހާބު އެއްވެސް ބަޔަކަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ނަމަ އެބަޔަކީ ޖުމްހޫރީ ގުޅުން ކަމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ރަށްރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ދަތުރުތައް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުންނާއި އެކިއެކި ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްއާއި އެމްޑީޕީ އުޅެނީ މާދަށުގައި ކަމަށެވެ.
"ޔާމީން އާއި އަޅުގަނޑުމެންނާ ހުރި ތަފާތު ވަރަށް ބޮޑު. ހުރިހާ ޕޯލްތަކުން ދައްކާގޮތުގައި ހަމަ ކަށަވަރުން ވެސް ޕީޕީއެމް އުޅެނީ އަޅުގަނޑުމެންނަށް ވުރެ މާދަށުގަ. އަދި އެމްޑީޕީވެސް މިހާރު ދަށަށް ހިނގައްޖެ އަޅުގަނޑުމެންނަށްވުރެ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނީ ޖުމްހޫރީ ގުޅުމުގައި ހިމެނޭ އެހެން ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށް ވެސް ގާސިމް މިއަދު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ދައުލަތުގެ އިއްޒަތްތެރިން ކަމަށްވާ އިލްޔާސް އިބްރާހިމުއާއި ސަމަރުބްލޫ އިބްރާހިމް މަނިކު އަދި އަބްދުﷲ ކަމާލުއްދީންމެން ފަދަ ބޭފުޅުން ޖުމްހޫރީ ގުޅުމާ ގުޅިވަޑައިގެންނެވުމުން ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން ނިންމާލާނީ މާދަމާ ހަވީރު މާލޭގައި އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ބާއްވާ ރެޑް މާޗަކުންނެވެ. މި ރެޑް މާޗް މާލޭގައި ފަށާނީ ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ