ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިހާރުވެސް މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެމަސައްކަތް އިތުރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ހ. ސަން ގޭގައި "ބަދަހި ޖަގަހަ" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ޕީޕީއެމް އާއި ވާދަވެރި ފަރާތްތަކުން ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"ވަރަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކުރައްވާ ވަރަށް ގިނަ މިކަހަލަ ކަންތައްތައް ކުރައްވަމުން ގެންދަވާތީ އަޅުގަނޑުމެން ކުރިމަތީ މިއޮތީ ހަމަ ކުރާ މަސައްކަތް އިތުރުކޮށް އިހްލާސްތެރިކަމާއިއެކީގައި، ހީވާގި ކަމާއިއެކީގައި މުރާލި ކަމާއިއެކީގައި އެއްވެސް ވަގުތެއް ނަގާ ނުލާ މި މަސައްކަތުގައި ދެމިތިބުން، މި ގޮތުގައި މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑަށް ޔަގީން ކުރެވޭ ގޮތުގައި އަޅުގަނޑުމެންނަށް މާތް ﷲ ކާމިޔާބުދެއްވާނެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާރު ވެސް ރާއްޖެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަދި އެމަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިތުރު ހިތްވަރެއް ލައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި އެމަނިކުފާނު ވެސް އެ މަސައްކަތުގައި ވެވުނު ވަރަކުން ބައިވެރިވާނެ ކަމަށެވެ.
"މިހާރުވެސް މިގެންދަނީ ބައިވެރިވަމުން، މީގެކުރިން ވެސް އަޅުގަނޑު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޒިޔާރަތްކޮށްފިން، ފުވައްމުލަކަށް އައްޑު އަތޮޅަށް، އަދި ވަރަށް ފަހުން އުތުރުގެ ހަތަރު އަތޮޅަކަށް ވެސް މިއައީ ޒިޔާރަތްކޮށްފައި، އިރާދަކުރެއްވިއްޔާ މާދަމާ ނޫން އަނެއް ދުވަހު (މާދަމާ) އަޅުގަނޑު އެބަ ފަށަން ދެކުނުގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރެއް." ރައީސް މައުމޫން ރޭ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތުގައި ބޭނުންކުރާ ޝިއާރު ކަމަށްވާ "އަމާޒު ޔަގީން" ޝިއާރުގައި ބުނާ "ޔަގީންކަން" އެ ޕާޓީ އާއި އެމްޑީއޭއާ ކޯލިޝަން ހެދި ހިސާބުން ފެށިގެން މިހާރު ދެގުނަ އަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި އެމްޑިއޭ ގުޅުމަކީ ވަރަށް އުއްމީދީ ކަމެއް ކަމަށާއި އަދި މުޅި ގައުމަށް އިތުރު އުންމީދުތަކެއް ގެނެސްދިން ކަމެއް ކަމަށެވެ.
ޕީޕީއެމް އިން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ