ޖޭއެސްސީން އިސްތިއުފާ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްތިއުފާ ނުދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ފުރަތަމަ ފަހަރަށް މ.ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ގާސިމް ވިދާޅުވީ ރައިސްކަމަށް ވާދަކުރެއްވި ނަމަވެސް ޖޭއެސްސީން އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން ޖޭއެސްސީގައި މިހާރު ފުރުއްވަމުން ގެންދަވާ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އިސްތިއުފާދޭންޖެހޭކަމަށް ގަބޫލެއްނުކުރަން. އަޅުގަނޑު ޖޭއެސްސީގައި އިންނަންޖެހޭނެކަމަށް ގަބޫލުކުރަނީ. އަޅުގަނޑު މިހެން އުޅެމުންވެސް ބަރާބަރަށް ޖޭއެސްސީގެ ޖަލްސާތަކުގައި ބައިވެރިވަން." މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އަދި ދީނުގައި ވެސް އެއީ ނުކުރެއްވޭނެ ކަމެއް ކަމަށް ބުނެފައި ނެތް ކަމަށާއި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ޖޭއެސްސީގެ މަސައްކަތްތަކަށް އަސަރުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އުފުލަންޖެހޭ ގާނޫނީ ޒިންމާ އަދާކުރަމުން ގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ