ޕީޕީއެމްގެ ޕުރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެ ވަޑައިގެންނެވި ފަހުން ޕީޕީއެމްއަށް ފާޑުވިދާޅުވަމުން ގެންދަވާ އެޕާޓީގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ޕީޕީއެމްއިން ވަކިކޮށްފިއެވެ.
އުމަރު ނަސީރު ޕީޕީއެމްއިން ވަކިކުރިކަން އެމްވީޔޫތައް ވަނީ ކަށަވަރު ވެފައެވެ.
ނަމަވެސް މިކަމާއި ގުޅިގެން ޕީޕީއެމްއާއި އުމަރުގެ ނަސީރުގެ ބަހެއް ވެސް މިރޭ ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް އުމަރާއި ގުޅިގެން ހުށަހެޅުނު މައްސަލަ ބެއްލެވުމަށް ފަހު އުމަރު ޕާޓީން ވަކިކުރަން ނިންމާ އޭނާއަށް ރަސްމީކޮށް އެކަން އަންގާފައި ވަނީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވާތީ އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ވާހަކަ ދެއްކެވުމާއި ގުޅިގެން އުމަރު ޕަބްލިކްގައި މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލުން ކުރިން އެންގި އެންގުމާއި އެއްގޮތަށް އުމަރު އަމަލު ކުރައްވާފައެއް ނުވެއެވެ.
އޭރު ސުލޫކު ކޮމެޓީން އުމަރު ވަކިކުރަން ނިންމީ އުމަރު ނަސީރާއި ގުޅޭ ގޮތުން އެކޮމިޓީއަށް ހުށަހެޅުނު މައްސަލަގައި އުމަރު ނަސީރު އަސާސީ ގަވައިދާއި ހިލާފުވެފައިވާތީ އޭނާ 7 ދުވަސް ތެރޭގައި އެނބުރި އަސާސީ ގަވައިދުގެ ތެރެއަށް އައުމަށް މުހުލަތެއް ދިނުމަށެވެ. ނަމަވެސް އުމަރު ހަތްދުވަސް ތެރޭގައި އެނބުރި އަސާސީ ގަވައިދުގެ ތެރެއަށް އައިސްފައެއް ނުވެއެވެ.
ޕީޕީއެމްގެ ޕުރައިމަރީ ބާތިލް ކުރަން އެދި މައްސަލައެއް އުމަރު ނަސީރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ސިވިލް ކޯޓުން ޖޫން 27 ވަނަ ދުވަހު ނިންމާފައި ވަނީ ޕުރައިމަރީ ބާތިލްކުރެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ޙުކުމަށް ފަހު ވެސް އުމަރު ނަސީރު ވަނީ ދެވަނަ ފަހަރަށް އަނެއްކާވެސް އެމައްސަލަ ކޯޓަށް ވައްދާފައެވެ. ނަމަވެސް އެމައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެއެވެ.
އުމަރު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވެރިކަމަށް ނުގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އުމަރު ނަސީރު ޕީޕިއެމްއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ