އެސްފީނާއަކީ ޙަޤީޤަތެކެވެ.

އެސްފީނާއަކީ އަނެކާއާއި ދިމާލަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއް ސަބަބުން އެބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ.
އެސްފީނާއާއި ބެހޭގޮތުން އިބުނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. އެކަމުގެ އަޞްލަކީ އެބަހީ އެސްފީނާގެ އަޞްލަކީ އެސްފީނާ ޖައްސާ މީހާ އެއްޗަކާ ނުވަތަ ކަމަކާއި މެދު އަޖާޢިބު ވުމެވެ. ދެން އެއަށްފަހު އޭނާގެ ނަފްސުގެ ނުބައިކަން އެކަމާއި މެދު ފާރަވެރިވެއެވެ. ދެން އެ ނަފްސްގެ ނުބައި ވިހަ ލޮލުގެ ޒަރީޢާއިން އެއެއްޗަކަށް ވާޞިލްވެއެވެ.
އެސްފީނާއަކީ އަޞްލެއްކަމާއި މެދު ސުވާލު އުފައްދާ މީހުން މިއަދުގެ މުޖުތަމަޢުގައި އުޅެއެވެ.ހުރިހާ ކަމެއް ސައިންސް ނުވަތަ މާއްދިއްޔަތާއި ގުޅުވާނަމަ ރޫޙާނީ ބަލިތައް ދެނެ ނުގަނެވިދާނެއެވެ.ދެން ބަލަނީ އެއީ ނުވާ އެއްޗެއް ކަމަށެވެ. ނަމަވެސް ސައިންސާއި ޓެކްނޮލޮޖީން އަޅުގަނޑުމެންނަށް ގެނެސްފައިވާ ކުރިއެރުންތަކާއި ފަސޭހަތައް ވާ ކަން ޤަބޫލު ކުރާ ފަދައިން އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އުނގައްނައިދީފައިވާ ކަންކަން ވެސް ޤަބޫލު ކުރަން ޖެހެއެވެ. އަދި ޒަމާނީ ޢިލްމީ ހަމަތަކުން އެކަން ނަފީ ނުކުރެވޭނެއެވެ. އެބައިމީހުންނަށް އެކަން ހިނގާގޮތުގެ ޙަޤީޤަތް ހޯދިފައިނެތީއެވެ. ނުވަތަ އެކަމުގެ ޢިލްމު ލިބިފައި ނެތީއެވެ.
އެއްޗަކާއި ބެހޭގޮތުން ޢިލްމު ލިބިފައި ނެތުމަކީ އެއެއްޗެއް ނުވާކަމުގެ ޢިލްމު ލިބިފައިވުމެއް ނޫނެވެ. އެސްފީނާއަކީ ވާ އެއްޗެއްކަން ޤުރުއާނާއި ސުންނަތުން އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނގެން އެބައޮތެވެ. އަދި ދުނިޔޭގައި ކަން ހިނގާގޮތާއި މެދު ވިސްނުމުން އެކަން ޙަޤީޤަތުގައި ވެސް ހިނގާކަން އަޅުގަނޑުމެންނަށް ފެނި ޔަޤީން ވެގެންދެއެވެ.
ސޫރަތުލްޤަލަމްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
​﴿51﴾ وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ﴿52﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ​
މާނައީ ކާފިރުވި މީހުން ޤުރުއާންގެ އަޑުއިވޭ ހިނދު އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލާ ވައްޓާލުމާއި ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ.ހަމަ ކަށަވަރުން އެކަލޭގެފާނަކީ މޮޔައެކެވެ.ޢާލަމްތަކަށް ހަނދަން ކޮށްދިނުމެއްކަމުގައި މެނުވީ އެޤުރުއާން ނުވެއެވެ.
އިބްނު ކަޘީރު ވަނީ އެކަލޭގެފާނުގެ ތަފްސީރުގައި މިއާޔަތް ތަފްސީރު ކުރައްވަމުން އެސްފީނާގެ ނުބައިކަމާމެދު ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ޤުރުއާނަށްފަހު މިބިންމަތީގައިވާ އެންމެ ޞައްޙަ ދެފޮތް ކަމުގައިވާ ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ.
العين حق ، މާނައަކީ އެސްފީނާ އަކީ ޙަޤީޤަތެކެވެ.
ނޯޓް: މިއީ އެސްފީނާއާއި ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ ބަސްކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ