ފިސްތޯލަ ދީފައި ފުލުހުން މަގުތަކަށް ނެރެން އަބްދުﷲ ރިޔާޒް ގޮވާލައިފި

ފިސްތޯލަ ދީފައި ފުލުހުން މަގުތަކަށް ނެރެން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް ގޮވާލައިފިއެވެ.
ފުލުހުންނަށް ފިސްތޯލަ ދިނުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ގޮވާލެއްވީ ހުޅުމާލޭގައި ބިދޭސީންތަކަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ މަޑުއްވަރީ ބައެއް ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ފުލުހުން ބާރުވެރި ކުރުވައިގެން ގައުމު އަމާން ކުރެވޭނީ." ރިޔާޒް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ތިން ބިދޭސީ އަކަށް ތޫނު އެއްޗެހިން ދިން ހަމަލާތަކާއި ގުޅިގެން ހަ މީހަކު މިހާރު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ވަނީ އެއީ ހަރުކަށި ދީނީ ފިކުރުގެ ބަޔަކު ދިން ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެއް ކަމަށް ލަފާކުރެވޭ ކަމުގައި ވިދާޅުވެފައެވެ.
އެހަމަލާ ދިނުމަށް ފަހު ބަޔަކު ވަނީ ހަމަލާގެ ޒިންމާ އުފުލައި ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ