މާލެ-ތިލަފުށި ބުރިޖުގެ ސާވޭއަށް ބޯހޯލް ތޮރުފަން ފަށައިފި، އެ ސަރަހައްދަށް ޑައިވްކުރުމާއި މޫދަށް އެރުން މަނާ

މާލެ ތިލަފުށި ބުރިޖު މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެ އާއި ވިލިނގިއްޔާ ދެމެދު ކަނޑުގެ ސަރަހައްދުގައާއި ވިލިނގިލި ދެކުނު ފަރާތު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެ ސަރަހައްދުގައި ޕްލެޓްފޯމެއް ބާއްވައިގެން ކަމަށެވެ. އަދި ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން އެ މަސައްކަތް ނިމެންދެން އެކަމަށް ސަމާލުކަންދީގެން ދަތުރުތައް ކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އަންގައިފައެވެ. އޭގެ އިތުރުން މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ޑައިވްކުރުމާ އަދި މޫދަށް އެރުމަކީ މަނާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މާލެ-ތިލަފުށި ބުރިޖުގެ ސާވޭތައް ހަދަން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތް ކުރަނީ އެމްބާޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓެއް ބޭނުންކޮށްގެންނެވެ.
އެ ސާވޭގައި ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅައި ސާވޭ ކުރާއިރު އެއްގަމުގެ ފަސް ސަރަހައްދެއްގައި ވެސް 75 މީޓަރު ފުން މިނެއްގައި ބޯހޯލް އަޅައިގެން ސާވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީ މީގެ ކުރިން ބުނެފައިވާ ގޮތުން، ބުރިޖުގެ ސާވޭގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ހިމެނޭއެވެ. އަދި މި އަހަރުގެ ތެރޭގައި ބުރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ-ތިލަފުށި ބުރިޖުގެ މަސައްކަތް ކުރަން ނިންމާފައިވަނީ އިންޑިއާގެ ލޯނުގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އަދި މަޝްރޫއު ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސް އިންޑިއާގައި ކުރިޔަށްދާ ކަމަށާއި ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ