އަމާޒަކީ "ޖުލައި 26"ގެ ކުރިން ނައިބު ރައީސަކަށް އަދީބު ގެނައުން: މެމްބަރު ޝުޖާއު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ. ޝުޖާއު އެހެން ވިދާޅުވީ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްވުމުގެ އުފަލުގައި ޕީޕީއެމުން މިރޭ ބޭއްވި "ތަރާވީހު"ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯސަންމަގުގެ އުތުރު ފަރާތު އެމްޑީޕީ އޮފީސް ކައިރީގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ "ވަގަށް، ސިއްރުން" ކަމެއް ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ޖުލައި 26 ގެ ކުރިން ނައިބު ރައީސަކަށް އަދީބު ގެނައުން ކަމަށެވެ. ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވީ ނައިބު ރައީސްގެ ޒިންމާ ޑރ. ޖަމީލަށް އަދާނުކުރެއްވޭ ކަމަށާއި "މިރެއިން މިރެއަށް" ވެސް އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަަމަށެވެ. ޑރ. ޖަމީލު އިސްތިއުފާ ނުދެއްވައިފިނަމަ، އިތުބާރު ނެތް ކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ޝުޖާއު މިރޭ ވަނީ ދެއްވާފަ އެވެ. ނައިބު ރައީސްގެ މަގާމަށް މިނިސްޓަރު އަދީބު އައްޔަން ކުރެވޭނީ ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ. ރައީސް ޔާމީންގެ އަރިހުގައި ނައިބު ރައީސް ޑރ. ޖަމީލު-- ސަން ފައިލް ފޮޓޯ މިރޭގެ ހަފްލާގައި ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަކީ ޒުވާނުންނަށް ވަރަށް ބޮޑު އަހުމިއްޔަތެއް ދެއްވާ ބޭފުޅެއް ކަމަށާއި އެގޮތުން މިހާރު ވެސް ޒުވާނުންނަށް ވަރަށް ގިނަ ފަސޭހަތަކެއް އެމަނިކުފާނު ފަހިކޮށްދެއްވާ ކަމަށެވެ. އެގޮތުން ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ހުކުމުގެ ހަތަރު ބައި ކުޅަ އެއް ބައި ފުރިހަމަ ކުރުމުން އެނބުރި މުޖުތަމައުއަށް އައުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ޓްރެފިކް ގަވާއިދާ ހިލާފުވުމުން ގިނަ ޒުވާނުން ދައުލަތަށް ދަރާފައިވާ ދަރަނިން ސަލާމަށް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށާއި އެ ބިލް ޖުލައި 26 ކުރިން މަޖިލީހުން ފާސް ކުރާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ރައީސް ޔާމީންގެ އަރިހުގައި އަދީބު (ކ)-- ސަން ފައިލް ފޮޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ