އިމާރާތްކުރުމުގެ ދާއިރާގެ ހިދުމަތްތައް ދޭން ނިންމާފައިވާ ގޮތުގެ އުސޫލު ޕްލޭނިން މިނިސްޓްރީން އާންމު ކޮށްފި

އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ހިދުމަތްތައް ދިނުމަށް ހަމަޖައްސާފައިވާ އުސޫލު ޕްލޭނިން މިނިސްޓްރީން އާންމު ކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވާތީ، ސަރުކާރު ހުޅުވެންދެން ވަކި ގޮތަކަށް ހުށަހަޅަން އަންގާފައިވާ ތަކެތި ފިޔަވައި އެމިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި ފޯމުތަކުގެ އިތުރުން ހުށަހަޅާ ލިޔެކިޔުންތައް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށް އަންގާ ކަމަށެވެ.
މީގެ އިތުރުން ދެލިކޮޕީ ހުށަހަޅަން ޖެހޭ ހާލަތުގައި އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް މައުލޫމާތު ފުރިހަމަކޮށް އެމިނިސްޓްރީގެ މައިދޮރާށި ކައިރީގައި ބަހައްޓާފައި ހުންނަ "ޑްރޮޕް ބޮކްސް"އަށް ލުމުގެ ކުރިން އެ ލިޔެކިޔުންތައް މެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.
އެ މިނިސްޓްރީން ބުނީ "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 10:00 އިން 12:00 އާ ހަމައަށް ކަމަށެވެ. އަދި "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހަޅާ ސްލިޕް އެމިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. "ޑްރޮޕް ބޮކްސް" އަށް ލާ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ސްލިޕް ފަސް ދުވަސްތެރޭ އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އެމިނިސްޓްރީން ބުނީ އޮންލައިންކޮށް ހުށަހަޅާ ތަކެތި 10 އެމް.ބީ އަށްވުރެ ކުޑަ ފައިލެއްނަމަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުން ނުވަތަ ގޫގްލް ޑްރައިވްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަ ޝެއަ ކުރުން އަދި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަން ޖެހޭނަމަ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު ޑްރޮޕްބޮކްސްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި 10 އެމް.ބީ އަށްވުރެ ބޮޑު ފައިލެއްނަމަ ގޫގްލްޑްރައިވްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަ ޝެއާ ކުރުން ނުވަތަ ސޮފްޓް ޕެންޑްރައިވެއްގައި ނުވަތަ ސީޑީއެއްގައި ހާޑްކޮޕީއާއެކު ޑްރޮޕް ބޮކްސް އަށް ލުމަށް އެދޭ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ސޮފްޓް ކޮޕީ އީ-މެއިލް ނުވަތަ ގޫގްލް ޑްރައިވް މެދުވެރިކޮށް ސޮފްޓްކޮޕީ ހުށަހަޅާ ނަމަ ޑްރޮޕްބޮކްސް އަށް ލިޔެކިޔުމުގެ ހާޑްކޮޕީ ހުށަހެޅުމުގެ ކުރިން އީ-މެއިލް ކުރުމަށެވެ. އަދި ޑްރޮޕްބޮކްސް އަށް ހުށަހަޅާ ތަކެތި ހުންނަންވާނީ ކަވަ ޝީޓެއް އެޓޭޗްކޮށް A4/A3 ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހުށަހަޅާ ލިޔެކިޔުންތަކުގެ މައުލޫމާތާއި މެއިލް ކުރާނެ އީ-މެއިލް ކުރާނެ އެޑްރެސްތައް http://gazette.gov.mv/iulaan/view/129811 ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ