އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 52 ރައްޔިތުން ވަނީ މަރުވެފައި

އެމެރިކާ އިސްވެ އޮވެ ސީރިޔާ އަދި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާވެރި އައިއެސް ޖަމާއަތް ފަނާކޮށް ނެތިކޮށްލުމަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ސީރިޔާގެ 52 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް، މިހަނގުރާމަ މޮނިޓަރ ކުރަމުން އަންނަ ގްރޫޕަކުން ބުނެފިއެވެ.
ހޮނިހިރު ދުވަހު މި ގްރޫޕުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މަރުވި އާންުމު ރައްޔިތުންގެ ތެރޭގައި 5 އަންހެނުންނާއި، 8 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
އެމެރިކާއިން ވަނީ އާންމުންނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފައި ނުވިނަމަވެސް އެމެރިކާގެ ހަމަލާއެއްގައި އާންމުންގެ މީހުން މަރުވެގެން ރިޕޯޓުކޮށްފި ނަމަ އެއީ އެމެރިކާއިން ވަރަށް ސީރިޔަސް ކަމާއިއެކު ބަލަމުން ގެންދާނެ މައްސަލަތަކެއް ކަމަށާއި އެކަމަށް ޚައްސަ ޓީމެއްވެސް އެކުލަވާލާފައި ވާނޭ ކަމަށް ބުނެފައެވެ.
މިގްރޫޕުން އާންމުކޮށްފައިވާ ގޮޮތުން، އެމެރިކާ އިސްވެ އޮވެ އުފެއްދި ކޯލިޝަނުން ދީފައިވާ ހަމަލާތަކުގައި ޖުމުލަ 910 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން 785 މީހުންނަކީ އައިއެސްގެ ހަނގުރާމަވެރިން ކަމަށް އެގްރޫޕުން ބުނެއެވެ.
މީގެ އިތުރުން ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ އަލް ޤައިދާ ޖަމާއަތުގެ ނުސްރާ ފްރޮންޓުގެ 72 ހަނގުރާމަވެރިއަކުވެސް މަރުވެފައި ވާކަމަށް އެގްރޫޕުން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން ވަނީ، އަލްޤައިދާގެ ހިމާޔަތުގައި ސީރިޔާގައި ހަރަކާތްތެރިވާ ޚޮރާސަން ޖަމާޢަތުގެ ހަނގުރާމަވެރިންނަކީވެސް އައިއެސް ފަދަ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށާއި، އެމީހުންނަށްވެސް ހަމަލާ ދޭނެ ކަން ހާމަކޮށްފައެވެ.
ޔޫއެން އިން ހާމަކޮށްފައިވާ ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ސީރިޔާގައި ފެށުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 200،000 މީހަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ