ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރާ އިސްލާހު ކުރިޔަށް ގެންގޮސްފި ނަމަ އުފެދިގެން ދާނީ ޕީޕީއެމްގެ މެމްބަރުންގެ ހިތްހަމަޖެހުމަށް އެކުލަވާލެވޭ ސުޕްރީމް ކޯޓެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އދ ގެ އޭޝިޔާ ޕިސިފިކް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިޔާއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ޤާނޫނަށް މި އިސްލާހު ގެނެސްފި ނަމަ، އަލުން އައު ސުޕްރީމް ކޯޓެއް އުފެދިގެން ދާ މަންޒަރު ފެންނާނެ ކަމަށާއި، އިދިކޮޅު ސިޔާސީ ޕާޓީގެ އަޑު މަޖިލީހުގެ ތެރެއިން މިވަގުތު ރަނގަޅަށް އުފުލާނެ ފުރުސަތު ނެތް އިރު، އިސްލާހާ އެކު އުފެދިގެން ދާނީ ހަމައެކަނި ޕީޕީއެމްއިން ހިތްހަމަޖެހޭ ފަދަ ސުޕްރީމް ކޯޓެއް ކަމަށެވެ.
"މިވަގުތު ޤާނޫނަށް އިސްލާހު ގެނެސްގެން، މި އިސްލާހާ އެކު މުޅިން އައު ސުޕްރީމް ކޯޓެއް އުފެދޭނެ ކަމަށް މި ވަނީ. މއަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިވަގުތު ނެތް އެގޮތަށް އެކަން ހިނގަމުންދާ އިރު ވާދަވެރިންގެ ބަހެއް މަޖިލީހުގައި ފާހަގަކުރެވޭނެ ގޮތެއް. މިގޮތަށް މިކަން ހިނގައިފިނަމަ އުފެދިގެން ދާނީ ވަރަށް ބޮޑަށް އެއް އަތަކަށް އުފެދިފައިވާ ސުޕްރީމް ކޯޓެއް. ހަމައެކަނި ޕީޕީއެމް މެމްބަރުންގެ ހިތްހަމަ ޖެހުމަށް އެކުލަވާލެވޭ ސުޕްރީމް ކޯޓެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. މި އިސްލާހަށް ތާޢީދު ނުކުރުމަށް އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީއިން މިއަދު ވަނީ ނިންމާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންތިޤާލީ ސުޕްރީމް ކޯޓެއް އުފެދިގެން ދިޔަ އިރު، އޭރުގެ ބޭފުޅުން ހީކޮށްގެން ތިއްބެވީ، ފަނޑިޔާރުންނަކީ އެބޭފުޅުން އަމިއްލައަށް މަޤާމުން ވަކިވެ ވަޑައިގަތުމުން މެނުވީ، އުމުރަށް އެމަޤާމުގައި ތިއްބަވާ ބައެއް ކަމަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ބައެއް ކަމަށެވެ. އަދި، ޝަރީފް ހުށަހެޅުއްވި އިސްލާހައިގެން ކުރިޔަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުބެލެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ޖިނާޢީ އަދުލުގެ ނިޒާމުގައި މައްސަލަތައް ހުރީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދުގައި ނޫން ކަމަށާއި، ނަމަވެސް މިކަމުގައި އިތުރު މައްސަލަތަކެއް އެބަ ހުރި ކަމަށެވެ.
ނަމަވެސް، އެމްޑީޕީއިން މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ގޮވާލާފައެވެ.
"ބެންޗުގައި ފަހެއް ނުވަތަ ހަތެއް އޮވެގެންތޯ މައްސަލައަކީ. އެއީތޯ ޖިނާޢީ އަދުލުގެ ނިޒާމުގައި އޮތް މައްސަލައަކީ. ދިމާވާ އިތުރު މައްސަލަތަކަކާއި ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެން އިންސާފުގެ ދަތުރުގައި އަޅުގަނޑުމެން ކުރިޔަށް ދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، ކުރިމަތިވާ ދެބަސްވުންތަކުގައި އެޕާޓީގައި މައްސަލަތައް ހައްލުކުރާނީ ޑިމޮކްރަސީގެ އުސޫލުން ބަހުސް ކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ ރޫހާއި ޕާޓީ ހިންގުމުގައި މިއަދެކޭ، މީގެ ފަސް އަހަރު ކުރިއެކޭ ކުޑަކޮށް ވެސް ތަފާތެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ އިސްލާހު ކުރިޔަށް ގެންގޮސްފި ނަމަ އުފެދޭނީ ޕީޕީއެމްގެ ސުޕްރީމް ކޯޓެއް - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ