ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ރަތްމަންދޫ މީހުން އެރަށުން ފައިބައި އެހެން ރަށަކަށް ހިޖުރަކުރަން ތައްޔާރަށް ތިބި ކަމަށް ރަތްމަންދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.
ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރަތްމަންދޫ ކައުންސިލްގެ ރައީސް އަލީ ރިޔާޒު ވިދާޅުވީ އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އެހެން ރަށަކަށް ބަދަލުވުމަށް ރަތްމަންދޫ ރައްޔިތުންގެ ތެރެއިން 97 އިންސައްތަ ރައްޔިތުން ސޮއިކޮށް މީގެ އަހަރެއްވަރު ކުރިން ސަރުކާރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާނެ ކަަމަށާއި ނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިޕެޓިޝަނަށް ޖަވާބެއް ދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ސަރުކާރަށް ޕެޓިޝަން ހުށަހެޅީ ކުދި އާބާދީތައް ހިމެނޭ ރަށްތަކުގެ ރައްޔިތުން، ހިދުމަތްތައް ގާއިމުކުރެވިފައިވާ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްތަކަށް ނުވަތަ ހުޅުމާލެއަށް ހިޖުރަކުރުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމުން އެކަމަށް އިޖާބަ ވެސް ދިނުމުގެ ގޮތުން ކަަމަށެވެ. ރަތްމަންދޫ ރައްޔިތުން ސަރުކާރަށް ހުށަހެޅި ޕެޓިޝަނުގައި ވާނީ ހުޅުމާލެއަށް ބަދަލުވުމަށް އެދިފައި ކަމަށާއި ނަމަވެސް ރަނގަޅަށް ހިދުމަތްތައް ގާއިމުކުރެވިފައިވާ އެހެން ރަށަކަށް ބަދަލުކުރި ނަމަވެސް ބައެއް ރައްޔިތުންނަށް އެގޮތްވެސް ރަނގަޅު ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ރަށާއި ކައިރީގައި އޮންނާނެ ސުނާމީގެ ކުރިން މީހުން ދިރިއުޅުނު މަޑިފުށި. އެރަށުގައި މިހާރު ރިސޯޓެއް ހެދުމަށް ސަރުކާރުން ބަޔަކަށް ހަވާލުކޮށްފައިވާތީ އެރަށް ނިމި ހިދުމަތްދޭން ފެށުމުން ވަޒީފާގެ ފުރުސަތުތައް އެތަނުން ފަހިވާނެ ކަަމަށް ގަބޫލުކުރާތީ ބައެއް މީހުން މިހާރު ބޭނުންވޭ ރަށުގައި މަޑުކުރަންވެސް. އެކަމަކު ގިނަ ބައެއްގެ ހިޔާލަކީ ހިދުމަތްތައް ފަސޭހައިން ލިބެން ހުރި ރަނގަޅު ރަށަކަށް ބަދަލުވުން" ރިޔާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރަތްމަންދޫ އަކީ ދުވަހަކުވެސް ބަނދަރެއް ހެދިފައި ނުވާ ރަށަކަށް ވާތީ ރަށަށް އަރައި ފޭބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ރަށަށް އަރައި ފައިބަން މިހާރު ބޭނުންކުރަނީ ފާލަމެއް ކަމަށާއި، ނަމަވެސް ފާލަންވެސް މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ރަށަށް އަރައި ފޭބުމަށް އިތުރަށް ދަތިތަކެއް ތަހައްމަލް ކުރަންޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރަތްމަންދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރައޫފް ވިދާޅުވީ އެރަށުގައި ދިިރިއުޅޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ ރަށުގެ ތަރައްގީއަށް ހުރަސްއެޅި ދިމާވާ ބައެއް މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑަށް ދަތިވަނީ ރަށު ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާތީ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތައުލީމު ލިބެން ނެތުމުން ކަމަށް ވިދާޅުވި އެވެ.
ރަތްމަންދޫގެ އާބާދީ ކަމަށް އެރަށުގެ ދަފްތަރުގައި ހިމަނާފައިވަނީ 225 މީހުންނެެވެ. ނަމަވެސް ރަށުގައި އާންމު ގޮތެއްގައި ދިރިއުޅެނީ 100 ވަރަކަށް މީހުންނެވެ. ރަތްމަންދޫގައި 56 ގެއެއް ހުންނައިރު އާންމު ގޮތެއް މީހުން ދިރިއުޅެނީ 32 ގެއެއްގައި ކަަމަށްވެސް ރަތްމަންދޫ ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.
މީހުން މަދުން ދިރިއުޅޭ ރަށްތަކުގެ މީހުން ހުޅުމާލެއަށް ބަދަލުވުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިގޮތަށް ބަދަލުވާން ބޭނުންވާ މީހުންނަށް ސަރުކާރުން ކޮށްދޭނެ އެއްވެސް ކަމެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
ރަތްމަންދޫ ރައްޔިތުން ތިބީ އެހެން ރަށަކަށް ބަދަލުކުރާނެ ދުވަހެއްގެ އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ